ޚަބަރު

ތަފާތު ފިކުރުތަކާއެކު ވެރިކަންކުރުމުގެ ސިޔާސަތަށް އެމްޑީޕީގެ ތާއީދު އޮތްކަން ސާފުވެއްޖެ: އިމްރާން

ތަފާތު ފިކުރުތައް ބައިވެރިކޮށްގެން ވެރިކަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތަށް އެމްޑީޕީގެ ތާއީދު އޮތްކަން ސާފުވެއްޖެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ސޯލިހު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައެވެ.

"ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް، މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތައް އެމްޑީޕީގެ އާއްމު މެންބަރުންގެ ބޮޑު ތާއީދު އޮތްކަން ސާފުވެއްޖެ" އިމްރާން ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ސޯލިހު ކުރި ހޯއްދެވީ، 9،000 އެއްހާ ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގެ ވެރިކަން ކުރެވޭނީ ތަފާތު ފިކުރުތައް ބައިވެރިކޮށްގެން ކަމަށެވެ. އަދި އެކަން ކުރެވޭނެ ވެރިޔަކީ އެ މަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމްޑީޕީއަށް ދެންވެސް ވެރިކަމަށް އާދެވޭނީ ކޯލިޝަނާއެކު ކަމަށާއި އެއްބުރުުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފޯމިއުލާ އެބަ އޮތް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.