މިއަދު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީ މަރަދޫ އަދި މީދޫ ދާއިރާ އެއްކޮށްލުމުން އުފެދުނު ދެބަސްވުންތަކަށް އެއްވެސް ބަދަލެއް ނުގެނެސް އައްޑޫ ދާއިރާގެ މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލާން ފަށައިފިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ނަމަވެސް އިއްޒުއްދީން ސްކޫލުގައި ބަހައްޓާފައި އައްޑޫގެ އެއްވެސް ވޯޓު ފޮއްޓަކަށް 10:30 ވީއިރުވެސް ވޯޓުލާން ފަށައިފައެއް ނުވެއެވެ.

މަރަދޫ ދާއިރާއާއި މީދޫ ދާއިރާ އެއްކޮށްލާފައިވާއިރު ހިތަދޫގެ ތިން ދާއިރާވެސް ވަނީ އެއްކޮށްލައިފައެވެ. މި ދާއިރާތައް އެއްކޮށްލުމުން ދާއިރާތައް ވަކިކުރުމަށް އެ ތަނުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުން ގޮވާލިއެވެ.

އެކަމާ ގުޅިގެން އުފެދުނު ދެބަސްވުންތައް ހައްލުނުކޮށް، ހުރިހާ ދާއިރާއެއްގެ ވޯޓުލުން ފަށާފައިވަނީ 11:29 ހާއިރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،000 މީހުންނަށެވެ. ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.