މިހާރު ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީ އިންތިހާބު ޑަބަލް ޑިޖިޓްގެ ތަފާތުން، ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިއަދުގެ ވޯޓުގައި ޑިމޮކްރަސީގެ ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނިގެން ދިއުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށެވެ.

"ޑަބަލް ޑިޖިޓްގެ ތަފާތަކުން އިންތިހާބުގައި ކުރި ހޯއްދެވޭނެ ކަމުގެ އުންމީދު އެބައޮތް. ބޮޑުތަފާތަކުން ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިހާބު އޮޅުވާލުމުގެ ކަންކަން ހިންގާކަމަށް ތުހުމަތުކުރާތީވެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު އޮޅުވާލައި މަކަރު ހެދުމުގެ ކަމެއް އެމްޑީޕީގެ އިންތިހާބުތަކުގައި ނުހިންގާނެ ކަމަށެވެ. އަދި މި އިންތިހާބު ނިމި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ ހުރިހާ މެމްބަރުން އެކީގައި މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދުވެސް ވަނީ އިންތިހާބުގައި ވޯޓުލައްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،000 މީހުންނަށެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.