ގއ. ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަށް ބޭނުންވާ ދިރާސާތައް ހަދަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީއާ ހަވާލުކުރީ ވިލިނގިލި އަދި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި ފައިނޭންޝަން ފީސިބިލިޓީގެ ދިރާސާތައް ހެދުމަށެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 21 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ ރިޔާސީ އިންތިހާބުގައި ވިލިގިއްޔަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅެކެވެ.