ފުވައްމުލަކު ސިޓީގައި ކާރަކާއި ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުވައްމުލަކުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 10:25 އެހާކަންހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރެއިން ކަމަށެވެ.

އޭނާ ބުނީ ކާރު، ސައިކަލުގައި ޖެހުމުގެ ސަބަބުން ސައިކަލް ވަރަށް ދުރަށް ވިއްސައިގެން ދިޔަ ކަމަށާއި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށެވެ. އަދި ސައިކަލާއި ކާރަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ސައިކަލުގައި ތިބީ ދެ އަންހެނުން. ފަހަތުގައި އިން އަންހެން މީހާއަށް ބޮޑަށް އަނިޔާވީ، އޭނާގެ ފައި ބިންދައިގެން ގޮސްފައި ވަނީ، އެނޫންވެސް އަނިޔާވި، ބޯ ފަޅައިގެންދިޔަ، ސައިކަލު ދުއްވަން އިން އަންހެން މީހާއަށްވެސް އަނިޔާ ލިބިފައި ވަނީ. ކާރުގެ ފަހަތުގައި އިން ކުއްޖާއަށް ވެސް އަނިޔާވި،" އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ފުވައްމުލަކު ދަނޑިމަގު އަވަށުގެ ދެ އަންހެނަކަށާއި އެރަށު ފުނާޑު އަވަށުގެ ދެ ފިރިހެނަކަށެވެ.

އަނިޔާވި މީހުންނާ ބެހޭ ތަފުސީލު ހޯދަން ފުވައްމުލަކު ހޮސްޕިޓަލަށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. އަދި އެކްސިޑެންޓްގެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅުމުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ސާފު ކުރުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެނަކު މަގުމަތީގައި ވެއްޓިފައި އޮންނައިރު އެކްސިޑެންޓް ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އެކްސިޑެންޓުވި ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.