އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ އަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ހައިކޯޓުން ކުރި އަމުރު، އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ ކަމަށް އޮތް ގާނޫނީ މުއްދަތު ހަމަވި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
ސީއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ، ހައިކޯޓުން ކުރި އަމުރާ އެެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ މުސްއަބްގެ ފަރާތުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
މި މައްސަލައަކީ މުސްއަބަށް މުސާރަ ނުލިބޭ ގޮތަށް ދުވަސްތަކަކަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާ އިން ވަކިކުރުމާ ގުޅިގެން ހިނގައިދިޔަ މައްސަލައެކެވެ. އޭނާ ވަޒީފާއިން ވަކިކުރީ 10 ސެޕްޓެމްބަރު 2019 ގައެވެ. އެއީ އެސްއޭޕީ ސޮފްޓްވެއާގައި ރަޖިސްޓްރީކޮށް މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުމާއި ވަޒިފާއާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒު ބޭނުންކުރުމާއި 17 މެއި 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވީޓާގައި އާއްމުކުރި މައްސަލައެއް ތަހުގީގު ކުރުމަށްފަހުގައެވެ.
އެކަމާ ގުޅިގެން މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އޭނާ އެދުނީ ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމުގެ އިތުރުން، އޭނާ ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ހޯދުމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަންޖެހުނު އެންމެހާ ފައިސާ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ނަގައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ.
އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޑިސެމްބަރު 2020 ގައި ކުރި ހުކުމުގައި ވަނީ އެގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާ އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް މުސްއަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން 2022 އޯގަސްޓް މަހުގެ 28 ގައި ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، މުއްސަބުގެ މައްޗަށް ގިނަ މައްސަލަަތަކެއް ތަހުގީގު ކުރި ކަމަށް އޮތް ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ޗިޓުގައި ހަވާލާދީފައި ވަނީ ސިއްރު ލިޔުން ޓުވީޓާގައި އާއްމުކުރި މައްސަލައަށް އެކަނި ކަމަށެވެ.
ޓުވީޓާގައި ހާމަކޮށްފައިވަނީ ސިއްރު މައުލޫމާތު ކަމަށް ދައުލަތުން ބުނާ ލިޔުމަކީ އިސްލާމިކް މިނިސްޓްރީން 13 ނޮވެމްބަރު 2018 ގައި އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން މިނިސްޓްރީއަށް ފޮނުވި، މައްސަލަ ނިންމި ގޮތް ކަމަށާއި އެ ލިޔުމަކީ އެއް ސިޓީއެއްގެ ގޮތުގައި މުސްއަބަށާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށްފަހު އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ސިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ސިޓީގެ ސްކްރީން ޝޮޓަށް ބަލައި އިރު، އޭގައި ފެންނަން އޮތީ ހަމައެކަނި މައްސަލަ ނިންމި ގޮތުގެ ކޮންޓެންޓް، އެއީ އޭސީސީން އިސްލާމިކު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނާކަށް ނެތް، އަދި އެކަން ސާބިތުކޮށްދެވޭނެ ހެތްކެއް ގަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިވާކަން އެނގޭކަށް ނެތް، އެހެންކަމުން އެ މައްޗަށް ބިނާކޮށް މުސްއަބު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސިއްރު މައުލޫމާތަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވޭ،" ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ސަރުކާރުގެ އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާފައިވާ ލިޔުމެއް މުސްއަބު އަމިއްލަ ހައިސިއްޔަތުން ހާމަކޮށްފައިވާ ކަމަަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް އޭނާ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކޮށްފައިވާ ކަމަަށް ބުނެ އެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ސަަބަބު ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން އަމުރުކުރީ މުސާރަ ނުލިބޭ ގޮތަށް މުސްއަބް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 86333 ރުފިޔާ އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 10 ސެޕްޓެމްބަރު 2019 އިން ފެށިގެން މުއްސަބާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރިހު ކަމަށްވާ 24 ޖުލައި 2022 އާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333 އާއެކު ޖުމުލަ 1,187,666 ރުފިޔާ 14 ދުވަހުގެ ތެރޭގައި މުސްއަބް އަށް ދެއްކުމަށެވެ.
މި ހުކުމް ސީއެސްސީގެ ފަރާތުން ސުޕްރީީމް ކޯޓަށް ހުށަހެޅުމުން، މިއީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި، އިސްތިއުނާފީ މައްސަލަ ހުށަހަޅަން އޮތް މުއްދަތު ހަމަވެފައިވަނިކޮށް ހުށަހެޅި މައްސަލައެއް ކަމަށް ބުނެ މި މައްސަލަ ބާތިލުކުރުމަށް މުސްއަބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހެޅުމަށް ގޮތެއް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އައިޝާ ސުޖޫން ވިދާޅުވީ، އެ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކުރާއިރު މި މައްސަލަ ހުށަހަޅާފައި ވަނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 224 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން މުއްދަތު ގުނާއިރު އެ ގާނޫނުގެ 284 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ފަހަނައަޅާ ދިއުމުން ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކިވަޑައިގަންނަވާ ކަމަށެެވެ.
ނަމަވެސް މުއްދަތު ފަހަނަޅާ ދިއުމުންވެސް މައްސަލަ ބަލައިގަނެފައިވަނީ ސުޕްރީމް ކޯޓުން މުއްދަތު ގުނުމުގައި މިހާތަނަށް ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނަމުން ގޮސްފައިވާތީ ކަމަށް ވެފައި، މިއީ މިހާތަަނަށް ސުޕްރީމް ކޯޓުން އަމަލުކުރަމުން އައި ގޮތް ކަމަށްވުމުގެ ސަބަބުން މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން އެކަމުގެ މައްޗަށް ބަރޯސާވެ އެގޮތުގެ މަތިން ކަންކަން ތަރުތީބު ކޮށްފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލާގައި ސުޕްރީމް ކޯޓުން ކަންކުރާ ގޮތުން އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފު ކުރުމުގެ ހައްގަަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ނިންމުމަކީ އަދުލުވެރިގޮތެއް ކަމަށް ނުވާނެތީ މި މައްސަލަ ބާތިލުނުކުރުމަށް ފަނޑިޔާރުން އިއްތިފާގުވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ، މި ނިންމުމަކީ މިފަދަ ހާލަތެއް މެދިވެރިވެފައިނުވާ އެހެން ހުރިހާ މައްސަލާގައި އަމަލުކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ބެލިގެންވާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަން ނިންމައި، މައްސަލަ ހުށަހެޅުއްވުމަށް ވަަރަށް އަވަހަށް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިއަދު ތިއްބެވީ، ސުޕްރީމް ކޯޓުގެ ފަނޑީޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްޒާ ޒާހިރެވެ.