ޚަބަރު

28 އަހަރު ކުރިން ދިން ގޯއްޗެއް ދައުލަތަށް ނެގި މައްސަލާގައި 1.7 މިލިއަން ހޯދަން ކޯޓަށް

އިބްރާހިމް ޒަކީ

މީގެ 28 އަހަރު ކުރިން 2 އޭޕްރީމް 1995 ގައި ޅ. މާފިލާފުށީގައި މީހުން އާބާދުކުރުމަށް އޭރުގެ ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، މ. މާކަރީ/ އަހުމަދު މަނިކަށް އެ ރަށުން ދިން ގޯތި، "ޖާދޫގެ" ގައިވާ އިމާރާތްތައް ގާނޫނުއަސާސީއާ ހިލާފަށް ދައުލަތަށް ނަގާފައިވާ ކަމަށް ބުނެ ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅައިފައެވެ.

މި މައްސަލާގައި ބުނެފައިވަނީ މާފިލާފުއްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި އޭރު އޮތް ސަރުކާރުން 5 އޭޕްރީލް 2011 ގައި ކަނޑައަޅައި އެ ރަށުގައި ދިރިއުޅެމުންދިޔަ އާއިލާތައް، ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް 30 މެއި 2013 ގައި އެކުލަވައިލި ކަމަށެވެ.

ނަމަވެސް އެ ގޯތީގައިވާ އިމާރާތްތައް ދައުލަތަށް ނެގީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އަހުމަދު މަނިކު ކޯޓަށް ހުށަހެޅި ދައުވާގައި އެދުނީ، އެ ގޯތީގައި އުފުލޭ މުދަލުގެ ގޮތުގައި ހުރި ހިފާ ގެންގުޅޭ ތަކެތީގެ އަގަށްވާ 347،240 ރުފިޔާއާއި އޭނާގެ ގޯތިން ނެރުނު ތާރީހުން ފެށިގެން މަހަކު 18،000 ރުފިޔާގެ މަގުން ކުލީގެ ގޮތުގައި ލިބެންޖެހޭ 493،800 ރުފިޔާއާއި އެ ތަނުގައި ހުރި މަސައްކަތުގެ އާމްދަނީގެ ގޮތުގައި ލިބެންވާ 68،133 ރުފިޔާއާއި ވަންނާނެ ތަނެއް ނެތި އުޅެން ޖެހުމުން ލިބުނު ގެއްލުމުގެ މާލީ ބަދަލެއްގެ ގޮތުގައި 864،000 ރުފިޔާއާއެކު ޖުމުލަ 1،773،173 ރުފިޔާއާއި އެ ގޯތީގެ ބަދަލުގެ ގޮތުގައި ހުޅުމާލޭން ތިން ކޮޓަރީގެ ފްލެޓެއް ލިބިދިނުމަށެވެ.

ސިވިލް ކޯޓުގައި ދައުވާއަށް ޖަވާބުދާރީވަމުން ދައުލަތުން ބުނެފައި ވަނީ އެ ގޯތި ދައުލަތަށް ނަގާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި އަހުމަދު މަނިކަށް ހުޅުމާލޭން ހައުސިން ޔުނިޓެއް ލިބިފައި ނުވަނީ ހައުސިން ޔުނިޓު ދިނުމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަނުވާތީ ކަމަށެވެ.

އަދި އެ ގޯތީގައި ހުރި އަހުމަދު މަނިކުގެ އުފުލޭ މުދާ މާފިލާފުށިން ގެންދިއުމަށް އޭނާއަށް ފުރުސަތު ދިން ކަމަށާއި އެ ގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި ކޮށްފައިވާ އުމްރާނީ މަސައްކަތުގެ އަގުގެ ބަދަލުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އަހުމަދު މަނިކަށް ދައުލަތުން ބަދަލުދީފައިވާތީ، އެ ދައުވާއަށް ދައުލަތުން އިންކާރު ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ދައުވާގައި އޭނާ އެދިފައިވާ ބަލަދު ލިބިދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް ދައުލަތުން ކޯޓުގައި އެދުނެވެ.

މި މައްސަލަ ބަލައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އަހުމަދު މަނިކު އެދިފައިވާ ކަންތައް ކޮށްދިނުމަށް ދައުލަތަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އެ ހުކުމާމެދު ހިތްހަމަނުޖެހިގެން އަހުމަދު މަނިކުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު، މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑާ ކަމަށެވެ.