މި ސަރުކާރުގެ "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލޭން ބަންޑާރަ ގޯތި ދިނުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަށައިފިއެވެ.

ބިންވެރިޔާ ސްކީމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ޖުމުލަ 3,750,000 އަކަފޫޓު ބޮޑު ސަރަހައްދަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލޭން ގޯތި ދިނުމަށް ނިންމާފައިވާ ބިމުގެ ސަައިޒަކީ 1،250،000 އަކަފޫޓެވެ. އެ ތަނުން 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކުރާނެއެވެ.

ހުޅުމާލޭން ދޫކުރާ 1،000 ގޯއްޗާއި ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބިންވެރިޔާ ސްކީމަށް ހުށަހަޅާފައިވާ ފޯމުތައް އިވެލިއުއޭޓް ކުރުމުގެ ޕްރޮސެސް ނިމެންވާއިރަށް ގޯތި ދިނުމަށް ނިންމާފައިވާ ބިން ސާފުކޮށް، އިން ޖަހައި، ކަޑަޖެހުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށެވެ. އެ މަސައްކަތް ދެ ހަފުތާ ތެރޭ ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު، އެޗްޑީސީން މިއަދު ވަނީ ދެ ސަރަހައްދެއް ސާފުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އަދި އެ ތަނުގައި ޔުޓިލިޓީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ބިންވެރިޔާ ސްކީމުގެ އިތުރުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށްޓަކައި "ގެދޮރުވެރިޔާ ސްކީމް"ގެ ނަމުގައި ވެސް ސަރުކާރުން ސްކީމެއް ކުރިއަށްގެންދެއެވެ. މި ދެ ސްކީމަށް އެދިފައިވާ މީހުންގެ ތެރެއިން އެކަމަށް ޝަރުތުހަމަވާ މީހުންގެ ފައިނަލް ލިސްޓު އަންނަ މާޗު މަހު އާންމުކޮށް އިއުލާންކުރަން ވަނީ ނިންމައިފައެވެ.