ވައްކަމުގެ މައްސަލައެއްގައި ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރި މީހަކު އޭނާ ޖަލުގައި ބަންދުކޮށްދޭން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް 31އ. ކުރިމިނަލް ކޯޓަށް ހާޒިރުކުރީ، ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތަނުގެ ތެރެއަށް ވަދެ، އެތަނުގެ އަގުބޮޑު މުދާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ބަންދުކުރުމަށެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ ބަންދުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެދުނީ ޖަލެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

އަސްލަމް ކޯޓުގައި ބުނީ، އޭނާ އަކީ ދުވާލަކު ފަސް ފަހަރު ހަކުރު (ޑައިމޯފިން) ބޭނުންކުރާ މީހެއް ކަމަށާއި އަދި އޭނާ އަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށެވެ. އެހެންކަމުން ކުށްތަކަށް އަރައިގަނެވެނީ ކަމަށާއި، މަސްތުވާތަކެއްޗާ ދުރުހެލިވެ އިސްލާހުވާން ބޭނުންވާތީ ޖަލެއްގައި ބަންދުކޮށްދިނުމަށް އެދޭ ކަމަށެވެ.

ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އޭނާ އަކީ މީގެ ކުރިންވެސް 39 ފަހަރު ހައްޔަރުކޮށް، 19 ފަހަރަށް ބަންދުކުރި މީހެކެވެ.