އިނގިރޭސި ލީގު ކަޕް

ފޮރެސްޓް ކައިރިން ފުރިހަމަ މޮޅެއް ހޯދައި، ޔުނައިޓެޑް ފައިނަލާ ގާތަށް

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ފޮރެސްޓް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ފޮރެސްޓް ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑަށް ތައްޓެއް ނުލިބި ގިނަސް ދުވަސްތަކެއް ވެފައިވާއިރު، އެ ޓީމަށް އެންމެފަހުން ތައްޓެއް ލިބިފައިވަނީ 2017 ވަނަ އަހަރުއެވެ.

ޔުނައިޓެޑުން އެންމެފަހުން 2017 ވަނަ އަހަރު ހޯދި ތައްޓަކީ އެ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލްގައި އަޔެކްސް ބަލިކޮށް ހޯދި ތައްޓެކެވެ. އޭގެ ފަހުން ޔުނައިޓެޑުން ހަ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ދެ މުބާރާތެއްގެ ފައިނަލުން ވަނީ ބަލިވެފައެވެ. ބަލިވި ފައިނަލްތަކަކީ 2018 އެފްއޭ ކަޕް ފައިނަލާއި 2021 ޔޫރޮޕާ ލީގުގެ ފައިނަލެވެ.

މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ޔުނައިޓެޑުން މިހާ ދުވަސް ވަންދެން ތައްޓަކަށް އިންތިޒާރު ކުރަން ޖެހިފައިނުވާ އިރު، ކޯޗު އެރިކް ޓެން ހާގުގެ ނަޒަރުގައި ޓީމުގެ ހިތްވަރަށް ތައްޓެއް މުހިންމެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ރަޝްފޯޑް ގޯލް ޖެހި ގޯލަކީ އަމިއްލަ ހާފު ތެރެއިން ލިބުނު ބޯޅައެއްގައި ކުރިއަށް ޖެހި، ފޮރެސްޓްގެ ދެކުޅުންތެރިން ކައިރިން ނައްޓާލާފައި އޭރިއާ ތެރެއިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ވޯލްޑް ކަޕަށްފަހު ޔުނައިޓެޑުން ކުޅުނު 10 މެޗުން ރަޝްފޯޑް ވަނީ 10 ގޯލު ޖަހައިފައެވެ.

ފުރަތަމަ ހާފުގައި ފޮރެސްޓްގެ ސޭމް ސަރިޖް ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. ގޯލް ޖެހީ ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓެވެ. އެ ގޯލަކީ ވެގްހޯސްޓް ޔުނައިޓެޑް ޖާޒީގައި ޖެހި ފުރަތަމަ ގޯލެވެ. ރޭގެ މެޗަކީ ވެގޯސްޓް ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ދެވަނަ މެޗެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސްއެވެ.