ޚަބަރު

އެމްޑީޕީ މެމްބަރުން މަގުމަތިވުމުގެ ޒިންމާ ނަގަންޖެހޭނީ ނަޝީދު: ޑރ. ޑީޑީ

އެމްޑީޕީގެ މެންބަރުން މަގުމަތިވުމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

"ވަން" އަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައި ޑީޑީ ވިދާޅުވީ، ރައީސް ނަޝީދަށް އެމްޑީޕީގެ މެމްބަރުންގެ އިތުބާރު މިހާރު ނެތް ކަމަށާއި ކުރިން ރައީސް ނަޝީދަށް އޮތް ތާއީދުވެސް މިހާރު ނެތް ކަމަށެވެ. އެއީ ނަޝީދުގެ އިހްލާސްތެރިކަން ކުޑަވުމާއި ރައްޔިތުން ކައިރީގައި ދައްކަވާ ވާހަކަފުޅުތަކާއި އަމަލުފުޅާ ދިމާނުވުމުން ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް 2008 ގައި ވެރިކަން މި ލިބުނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީގެ ސަބަބުން. އަޅުގަނޑުމެން މަގުމަތީގައި އެތައް ދުވަހެއްވަންދެން ކުރި މަސައްކަތުން. އެކަމު ބައްލަވާ، 7 ފެބްރުއަރީގައި ކުއްލިއަކަށް އިސްތިއުފާދެއްވި އިރުގައި ޕާޓީގެ ގައުމީ މަޖިލީހާ މަޝްވަރާއެއް ނުކުރައްވައޭ. އިސްތިއުފާ ދެއްވި ހިސާބުން އިތުބާރު ގެއްލެން ފެށުނީ. އިސްތިއުފާ ދެއްވީމަ އަޅުގަނޑުމެން އެންމެން މަގުމަތުވެފައި. އޭގެ ޒިންމާ ނަންގަވަން ޖެހެނީ ކާކުތޯ؟ ރައީސް ނަޝީދު،" ޑރ. ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރުން މަގުމަތިިވި ކަމަށް ޑރ. ޑީޑީ އެ ފާހަގަކުރެއްވި ދުސްވަރަކީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، އެމްޑީޕީއަށް ކާމިޔާބުވުމާ ހަމައަށް އެ ހޭދަވި މުއްދަތެވެ. އެ ދުވަސްވަރު، އެމްޑީޕީން މަގުތަކުގައި ސިލްސިލާ މުޒާހަރާތައްވެސް ކުރިއެވެ. އަދި އެތައް ބަޔަކު މުޒާހަރާތަކުން ހައްޔަރުވެސް ކުރިއެވެ.

ޑރ. ޑީޑީ ވިދާޅުވީ، ޕްރައިމަރީން ބަލިވެއްޖެނަމަ، ރައީސް ސޯލިހާ އެކުގައި ނުހުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެ، ވާހަކަފުޅު ދެއްކެވުމަކީ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ފިޔަވަޅުވެސް އަޅަން ޖެހޭނެ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ، ރައީސް ނަޝީދަށް އިތުރު ގޮތެއް ނެތުމުން ކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، ފަހު ވަގުތާ ޖެހެންދެންވެސް ރައީސް ނަޝީދު މަސައްކަތްކުރެއްވީ އަމިއްލަފުޅަށް ކުރިމަތިލެއްވުމަށް ކަމަށެވެ.

"ކޯލިޝަންގެ ބައިވެރިންގެ ފަރާތުންވެސް ރެކޮމެންޑޭޝަން އައީ އިބޫ ސޯލިހަށް. އެކަމަކު މާދަމާ ކޮންގްރެސް ބާއްވާ ކަމަށް ވަންޏާ މިރޭގެ ވަގުތެއްގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އަނެއްކާވެސް ރައީސް ނަޝީދުގެ ވިސްނުން ބަދަލުކޮށް ގަރާރެއް ހުށަހަޅައިގެން އިބޫ ސޯލިހުގެ ނަން ހުށަނާޅައި، ކުރިމަތިލެވުނަސް ނުލެވުނަސް ރައީސް ނަޝީދުގެ ނަން ބާއްވަން ގަރާރެއް ހުށަހަޅާ ވާހަކަ،" އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރައްވައި ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑިޑީ ވިދާޅުވީ، ރައީސް ނަޝީދަށް އެ ގަރާރު ހުށަހަޅުއްވަން ކެރިވަޑައިނުގަތީ، އޭނާ އާއި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާ ފަދަ ބައެއް ބޭފުޅުން ކޮންގްރެސްގައި އިހުތިޖާޖު ކުރެއްވުމުން ކަމަށެވެ.

ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، ނަޝީދު، އެމްޑީޕީއާ ދުރަށް ވަޑައިގެންނެވި ނަމަވެސް އެމްޑީޕީ ބައިބައި ނުވާނެ ކަމަށެވެ. އަދި މައުމޫނިޒަމްގެ އަމަލުތައް ފެންނަމުންދަނީ ރައީސް ނަޝީދު ފަރާތްޕުޅުން ކަމަށާއި މި ސަރުކާރުން ނޫން ކަމަށެވެ.