ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ، އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ ބައެއް ނުކުތާތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންކަމުން މަތީ ކޯޓުގެ އިސްތިއުނާފީ މަރުހަލާގައި އެ ނުކުތާތަކަށް ރިއާޔަތްކުރެވި އެ މައްސަލާގައި އިންސާފުވެރި ނިންމުމެއް ހައިކޯޓުން ނިންމާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.
ކިންގްސް އިން މިދިޔަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ގާނޫނީ ގޮތުން ހަރުދަނާ ސަބަބެއް ނެތި އަދި ކޯޓު އަމުރެއްވެސް ނެތި ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓްކޮށް، އެ އެކައުންޓުގައި ހުރި ފައިސާ ބީއެމްއެލުން ހިފަހައްޓާފައިވަނީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.
އަދި އެކައުންޓް ހިފެހެއްޓުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ގެއްލުންވެފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
އެ ދައުވާއަށް އިންކާރުކޮށް ބީއެމްއެލުން ބުނީ، ކިންގްސްގެ އެކައުންޓް ހިފަހައްޓާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ބީއެމްއެލުން ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓް ކުރީ، ކިންގްސްގެ އެކައުންޓަށް ތަފާތު އެކިފަހަރު މަތިން ފައިސާ ޖަމާވަމުންދާ ސަބަބު ތަފުސީލުކޮށް ދިނުމަށް އެންގުމަށްފަހު، އެ އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ.
ކިންގްސް އެކައުންޓަށް ޖަމާވަމުންދިޔަ ފައިސާއަކީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް ތުހުމަތުކުރެވޭއިރު، އެފަދަ މައްސަލައެއްގައި ބޭންކް އެކައުންޓް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.
ބޭންކާއި ކަސްޓަމަރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބޭންކަށް ލިބިގެންވަނީ ޝައްކު ކުރެވޭ ފައިސާ ބަލައިނުގަތުން ކަމަށާއި ނަމަވެސް އެކްޓިވޭޓެޑް އެކައުންޓެއްގައި ހުރި ފައިސާ ކޯޓު އަމުރެއްގެ ދަށުން މެނުވީ ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެންނުވާ ކަމަށްވެސް ސިވިލް ކޯޓުން ބުންޏެވެ.
ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ހިލާފުވި ފަރާތަކުން ބަދަލުދޭން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި ބީއެމްއެލުން ކިންގްސްގެ އެކައުންޓް އެއްބަސްވުމާ ހިލާފަށް އަދި ގާނޫނާ ހިލާފަށް ހިފަހައްޓާފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކިންގްސްއަށް ލިބިގެންވާ ކަމަށްވެސް ސިވިލް ކޯޓުން ކުރި ހުކުމުގައިވެއެވެ.
ކިންގްސް ކުންފުނިން ހިންގި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ކިންގްސް އިން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަލްހާންއާ ސުވާލުކޮށްފައެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އަލްހާންގެ ފޯނުވެސް ވަނީ ހިފަހައްޓައިފައެވެ.