ޚަބަރު

ޝަންގްރިއްލާ ރިސޯޓް ދިވެހި ކުންފުންޏަކުން ގަންނަނީ

1

ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ދިވެހި ކުންފުންޏަކުން ގަންނަން އެއްބަސްވެ، އެ ރިސޯޓްގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލަން ނިންމައިފިއެވެ.

ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނަ ޝަންގްރިއްލާ ބަންދުކުރީ ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރުއެވެ. އެ ފަހުން އެ ރިސޯޓު ނުހުޅުވި އޮންނާތީ އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

ސަރުކާރާއި ހޮންކޮންގްގެ ބިޔަ ހޮސްޕިޓާލިޓީ ވިޔަފާރި، ޝަންގްރިއްލާއާ ގުޅިގެން 2005 ގައި ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީ ކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ 70 ޕަސެންޓު ހިއްސާކުރާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާއެވެ. ޝަންގްރިއްލާ ރިސޯޓު ވިއްކާލަން ސީބީއާރު ގްރޫޕުން މިދިޔަ ޖޫން މަހު ބިޑަށްވެސް ހުޅުވާލިއެވެ.

އޭރު ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅުރަށެއްވެސް ކުއްޔަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ކޮން ރަށެއްކަން އެ އިއުލުނާގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ފަޅު ރަށުގައި ޕްރައިވެޓް އައިލެންޑެއް ތަރައްގީ ކުރެވޭނެ ކަމަށާއި އިތުރަށް ފަސް ކޮޓަރީގެ ވޯޓާ ވިލާތަކެއްވެސް އެ ރިސޯޓްގައި ތަރައްގީ ކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އިއުލާނުގައި އިތުރަށް ބުނީ އެ ރިސޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވެސް ގަންނަ ފަރާތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު މި މަހުގެ ކުރީކޮޅު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫގެ ރައްޔިތުން ބޭނުން ނަމަ ޝަންގްރިއްލާ ރިސޯޓުގެ ސަރުކާރުގެ ހިއްސާ ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓް ހިންގާ "އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"ގައި އޮންނަ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ވިއްކާލަން މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި ދެން ހިއްސާ އޮންނަނީ ޝަންގްރިއްލާގެއެވެ. އެ ކުންފުނިންވެސް ހިއްސާ ވިއްކާލާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ

އޮފިޝަލް އިތުރަށް ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓް ގަންނަން އެއްބަސްވެފައިވަނީ މަންޓާ އެއާ އާއި ދާލު އެއާޕޯޓް ހިންގަމުން އަންނަ ރިއޯލޯ މޯލްޑިވްސް އިންނެވެ. އެ ކުންފުނިން ރާއްޖޭގައި ތިން ރިސޯޓެއް މިހާރުވެސް ހިންގައެވެ. އެއީ ކަނޑިންމަ ރިސޯޓާއި ނޮޓިލަސްގެ އިތުރުން ނޯވާ ރިސޯޓެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓު ހުޅުމުގެ ކަންކަން އަވަސްކުރަން މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި އައްޑޫ ސަރަހައްދުގައި ބިމު ކުލި ކުޑަކޮށްފައި އޮތުމުން އެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން އިންވެސްޓަރުން ޝައުގުވެރިވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟