ޚަބަރު

ބިދޭސީއަކު ކަރުބުރިކޮށްލި މައްސަލަ: ދައުވާއިން އެންމެން ސަލާމަތްވެއްޖެ

މާޗު 2017 ގައި ލ. ފޮނަދޫގައި މަރާލި އަސަން އުއްލާ ނަމަކަށް ކިޔާ ބިދޭސީ މީހާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި އަށް މީހުންނަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެއެވެ.

މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މައްސަލާގައި ހިމެނޭ އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ އެންމެންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، އަސަން އުއްލާ މަރާލީ ބައިސްކަލެއްގެ މަތީގައި އޭނާ އިންދާ، އަބޫ ކަލަމް ހަމަލާދީގެންނެވެ. އަދި ހަމަލާއަށްފަހު އަތިރިމައްޗަށް އަސަން އުއްލާ ގެންގޮސް އޭނާގެ ކަރަށް އަބޫ ކަލަމް ވަޅިން ހަމަލާދީ ކަރު ބުރިކޮށްލި ކަމަށް ދައުލަތުން ބުނެއެވެ. އަސަން އުއްލާ އަތިރިމައްޗަށް ގެންދިޔައީ މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ އެހީތެރިކަމާއެކުއެވެ.

އަސަން އުއްލާ މަރާލާފައި އޮއްވާ ފެނުނީ 30 މާޗް 2017 ވަނަ ދުވަހުގެ މެންދުރު 12:45 ހާއިރު ފޮނަދޫ ގޮނޑުދޮށުންނެވެ.

ގާޒީ ޝަފްއަތު ހަބީބު ކުރެއްވި ހުކުމުގައި ވިދާޅުވީ، އެ މައްސަލާގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުއްވިއެވެ.

ހުކުމުގައިވާ ފާހަަގަކޮށްފައިވާ ގޮތުގައި ތަހުގީގު މަރުހަލާގައި ދެ މީހަކު ކުށަށް އިއުތިރާފުވި ނަމަވެސް އެ މީހުން ހާދިސާ ހިނގި ގޮތް ކިޔައިދީފައިވަނީ ތަފާތު ދެ ގޮތަކަށް ކަމަށާއި ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ފުށޫ އެރުންތަކެއް ހުރި ކަމަށެވެ.