ޖަރުމަން ބުންޑަސްލީގާ

ބަޔާންއަށް ޕޮއިންޓެއް ސަލާމަތްކޮށްދިނީ ކިމިޗް

ޖަރުމަނު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި އެފްސީ ކޮލްން ކައިރިން އެއްވަރު ވެއްޖެއެވެ.

ބަޔާންއިން ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ޖެހިޖެހިގެން ލީގުގައި ދެމެޗުން އެއްވަރުވި ނަމަވެސް ބަޔާން އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ 17 މެޗުން 36 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒިގުން ރޭ ޝާލްކޭ ކައިރިން 6-1 އިން މޮޅުވެފައިވާ އިރު، އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

ބަޔާންއަށް ރޭގެ މެޗު ފެށުން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެލީސް ޝްހީރީސް ޖެހި ވޮލީއަކުން ބޯޅަ ގޯލަށް ވައްދާލައި ކޮލްސްއިން ލީޑު ނެގި އިރު، އެޓީމުން ފަހު ވަގުތުގައި ޖެހެންދެން ލީޑު ހިފެހެއްޓިއެވެ.

މެޗުގެ ފަހު މިނެޓާ ޖެހެންދެންވެސް ބަޔާންއިން ނުރައްކާކޮށް، މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، ރަޔާން ގްރެވެންބާޗާއި ލެއޮން ގޮރެޓްޒްކާގެ ނުރައްކާތެރި ހަމަލާތައް ފާހަގަވިއެވެ. އޭގެ އިތުރުން ތޯމަސް މުލާ ބޮލުން ޖެހި ބޯޅަވެސް ބޭރަށް ދިޔަ އިރު، މެޗު ހަމަހަމަ ކުރީ 90 ވަނަ މިނެޓުގައެވެ.

ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ މެދުތެރެއަށް އަރައި ދިން ޕާސް، ބަޔާންގެ ކެޕްޓަން ކިމިޗް ގޯލަށް ވައްދާލީ އޭރިއާ ބޭރުން ޖެހި ބާރު ބޯޅައަކުންނެވެ.