ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން ލީގު މެޗަށް ނުކުތް ބަޔާން މިއުނިކުން އެފްސީ ހެއިޑެންހެއިމް ކައިރިން 3-3 އިން އެއްވަރު ކޮށްފިއެވެ.
ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ބަޔާނުން ރޭގެ މެޗަށް ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް ދެވަނަ ލެގަށް ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ކަމަށް ބެލެވެއެވެ. ފުރަތަމަ ލެގުގައި ބަޔާން ކައިރިން ޕީއެސްޖީން ކުރި ހޯދާފައިވާ އިރު، ރޭ ބަޔާނުން ނުކުތީ މެނުއަލް ނޯޔާގެ އިތުރުން ހެރީ ކޭން، ލުއިސް ޑިއާޒް، އަލްފަންސޯ ޑޭވީސް އަދި އެލެކްސެންޑާ ޕަވްލޮވިޗާއި މައިކަލް އޮލީސޭ އަދި ޖޯޝުއާ ކިމިކަށްވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ.
ބޫޑޫ ޒިޗްޒިވަޑްޒޭގެ ގޯލުން ހެއިޑެންހެއިމް މެޗުގެ ލީޑު ނެގި އިރު، އޭގެ 10 ވަރަކަށް މިނެޓްފަހުން އެޓީމުން ވަނީ ލީޑު ފުޅާވެސް ކޮށްފައެވެ. އެރެން ޑިކްޝީގެ އެ ގޯލުން ބަޔާން ހާސްކޮށްލި ނަމަވެސް، ހާފު ނިމުމުގެ ކުރިން ބަޔާނުން ގޯލެއް ޖެހިއެވެ. އެ ގޯލަކީ ލެއޯން ގޮރެޓްޒްކާގެ ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ކޭންއާއި އޮލީސޭގެ އިތުރުން ޑިއާޒާއި ކިމިކްވެސް ކުޅެން ނެރެފައިވާ އިރު، ބަޔާނުން މާގިނައިރެއް ނުވެ މެޗު އެއްވަރުކުރިއެވެ. އޮލީސޭގެ ބޯޅައެއްގައި ދެވަނަ ގޯލްވެސް ޖެހީ ގޮރެޓްޒްކާއެވެ.
އޭގެފަހުންވެސް އަނެއްކާވެސް ހެއިޑެންހެއިމްގެ ބޫޑޫ ގޯލް ޖެހި އިރު، ބަޔާނުން އެއްވަރުކުރީ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި އޮލީސޭ ޖެހި ގޯލަކުންނެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ