ޚަބަރު

"ކެފޭ ތާސީރު" އެހެން ތަނަކަށް ބަދަލު ކުރަނީ

ރިފާ ހަލީލު

އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރު އޮތުމުން ބޮޑުތަކުރުފާނު މަގުގައި ހިންގަމުން އަންނަ "ކެފޭ ތާސީރު" އެހެން ތަނަކަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ މީޑިއާތަކަށް ވިދާޅުވީ "ކެފޭ ތާސީރު" ހިންގަމުންދަނީ އެގްރީމެންޓާ ހިލާފަށް ކަމަށާއި އެ ތަނުގެ ވިޔަފާރި ހުއްޓުވައި އެ ތަނުން ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ހަތް ނަންބަރު ފާހާނާބަރީގައި ހިންގަމުންދާ "ކެފޭ ތާސީރު" ހުންނަނީ ވިލާ ގޭސް ގުދަން ކޮށްފައި ހުންނަ ތަނާ އިންވެގެންނެވެ.

"މި ކެފޭ (ކެފޭ ތާސީރު) އާ ޖެހިގެން ހުރީ ވިލާ ގޭސް އަދި މޯލްޑިވް ގޭސްގެ ގޭސްފުޅިތައް އަދި މާ ދުރު ނޫން ހިސާބުގަ ޕެޓްރޯލް ޝެޑްވެސް އެބަހުރި. ކަމެއް ދިމާވާނީ ބުނެފައެއް ނޫން. މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި އިމޭޖްވެސް ނުކުރެވޭ ވަރުގެ ސްކޭލަކަށް ވެދާނެ“ މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެގްރީމެންޓާ ހިލާފަށް ކެފޭ ތާސީރު ހިންގާ މައްސަލައަކީ ގާނޫނީ ވަރަށް ގިނަ މަރުހަލާތައް ހިނގާފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން އެ ބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދީފައިވާ އޮތް ތަނެއް ނަމަވެސް އެގްރީމެންޓާ ހިލާފުވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާ އެއްކޮޅަށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ދާދިފަހުންވެސް ކައުންސިލުން ކެފޭ ހުސްކުރަން ދިޔަ ކަމަށާއި ނަމަވެސް އެ ކެފޭ ހިންގާ ފަރާތުން ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކެފޭ ތާސީރު ހިންގާ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ކަމަށާއި މައްސަލަ މިހާރުވެސް ހައިކޯޓުގައި ހިނގަމުންދާ ކަމަށެވެ.