ޔުނައިޓެޑް ނޭޝަންސް ސެކިއުރެޓީ ކައުންސިލް (ޔޫއެންއެސް) ނުވަތަ އދ. ގެ ސަލާމަތީ ކައުންސިލަށް އިންޑިއާ ހޮވަން ރާއްޖޭން ތާއީދުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) އިން 2027 ވަނަ އަހަރު ބާއްވާ ސަލާމަތީ ކައުންސިލްގެ އިންތިހާބުގައި ރާއްޖެއިން އިންޑިއާއަށް ތާއިދުކުރަން ނިންމާފައިވަނީ 2028 ވަނަ އަހަރުން 2029 ވަނަ ދައުރަށް ކަމަށެވެ.
ސަލާމަތީ ކައުންސިލަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރީ އިންޑިއާގެ ފޮރިން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިމަހުގެ 18އިން 19އަށް ރާއްޖެއަށް ކުރެއްވި ދަތުރުގައި އެކަމާ މަޝްވަރާކުރެއްވުމަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އިންޑިއާއަށް ތާއިދުކުރަން ނިންމީ އެގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުމަށް ރިއާޔަތްކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާއެކީ ބައިނަލްއަގުވާމީ ސުލްހައަށް އަދި އދ. ގެ ޗާޓަރުތަކަށް ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް އަމަލުކުރާ ގައުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސެކިއުރެޓީ ކައުންސިލްގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަޑު އިއްވައި އިންޑިއާއިން ވަކާލާތުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިންޑިއާއިން ސެކިއުރެޓީ ކައުންސިލަށް ހޮވުމަށްފަހު ބައިނަލްއަގުވާމީ ސުލްހައިގައި މުހިންމު ރޯލެއް އަދާ ކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ވަނީ 2018 ވަނަ އަހަރު ސަލާމަތީ ކައުންސިލަށް ވާދަކޮށްފައެވެ. ނަމަވެސް ރާއްޖެއާ ވާދަކުރި އިންޑަނޭޝިއާ ވަނީ 147 ގައުމެއްގެ ތާއިދާއެކު އެ އިންތިހާބު ކާމިޔާބުކޮށްފައެވެ. ރާއްޖެ ލިބިފައިވަނީ 46 ގައުމެއްގެ ތާއިދެވެ.
ސަލާމަތީ ކައުންސިލަކީ އދ. ގެ އެންމެ ބާރުގަދަ އެ ކައުންސިލެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި އެ ޖަމިއްޔާގެ ރިސޮލިއުޝަންތަކާއި ޗާޓަރުތަކާ ހިލާފަށް އަމަލުކުރާ ގައުމުތަކަށް ދަތިކުރުމުގެ ގޮތުން ފިޔަވަޅު އަޅަނީވެސް އެ ކައުންސިލުންނެވެ. އެ ކައުންސިލްގެ ދާއިމާ ފަސް ގައުމެއް ހިމެނެއެވެ. އެއީ ރަޝީއާ، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ އަދި ފްރާންސްއެވެ. އެ ގައުމުތަކަކީ ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ގައުމުތަކެވެ. ގައުމުތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅޭނީ އެއްވެސް ގައުމަކުން ވީޓޯ ނުކުރާނަމައެވެ.
ސަލާމަތީ ކައުންސިލްގައި ދެން ތިބޭނީ ނަން-ޕާމަނެންޓް ގޮތުގައި 10 ގައުމެވެ. މިހާރު އެ ކައުންސިލްގެ ތިބި މެމްބަރު ގައުމުތަކަކީ، އަލްބޭނިއާ، ބްރެޒިލް، އިކުއެޑާ، ގަބޯން، ގާނާ، ޖަޕާން، މަލްޓާ، މޮޒަމްބިކިއާ، ސުވިޒަލޭންޑް އަދި ޔޫއޭއީއެވެ. ނަން- ޕާމެންޓް މެމްބަރު ގައުމުތަކުގެ ދައުރުގެ މުއްދަތީ އެއް އަހަރު ދުވަހެވެ.