އިނގިރޭސި ޕްރިމިއާ ލީގު

އެވަޓަންއިން ލެމްޕާޑް މަގާމުން ދުރުކޮށްފި

އެވަޓަންއިން އެ ޓީމުގެ ކޯޗުކަމުގައި ހުރި ފްރޭންކް ލެމްޕާޑް މަގާމުން ވަކި ކޮށްފިއެވެ.

އެވަޓަން އެންމެފަހުން ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެޓީމު ބަލިވެފައިވާ އިރު، އެޓީމު އޮތީ ފުލުން ދެވަނައިގައެވެ. އެވަޓަންއިން މި ސީޒަނުގައި ކުޅުނު 20 މެޗުގެ ތެރެއިން އެޓީމަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސައުތުހެމްޓަންއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، އެވަޓަން 19 ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ސީޒަނުގައި އެވަޓަން މިހާތަނަށް މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ.

އިންގްލެންޑްގެ ލެޖެންޑް، އުމުރުން 44 އަހަރުގެ ލެމްޕާޑް އެވަޓަންގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭގެ ކުރިން އެވަޓަންއާ ހަވާލުވެ ހުރީ ރަފޭލް ބެނިޓޭޒެވެ. ލެމްޕާޑް އެވަޓަން ރެލިގޭޝަނުން ސަލާމަތް ކޮށްދިން އިރު، އޭނާ މިދިޔަ ސީޒަން ނިންމާލީ 16 ވަނައިގައެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި އެވަޓަންގެ ހާލަތު ގޯސްކޮށް ފެނިފައިވާ އިރު، ގިނަ ކޯޗުންތަކެއް ބަދަލުކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ. އެޓީމަށް މިދިޔަ ފަސް އަހަރު ތެރޭގައި ދާއިމީ ފަސް ކޯޗުން އިރުޝާދު ދީފައިވެއެވެ.

އެވަޓަންގެ ބޯޑާއި ސަޕޯޓަރުންނާ ދެމެދުގައި ވެސް މިހާރު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ސައުތުހެމްޓަންއާ ދެކޮޅަށް ކުޅެ އެވަޓަން ބަލިވި މެޗަށްފަހު ސަޕޯޓަރުން މުޒާހަރާވެސް ކޮށްފައިވާ އިރު، އެ މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކޮށްފައިވެސްވެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީއަށް ކުޅެ، އެ ކްލަބަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދިން ލެމްޕާޑް، ކޯޗުކަމުގައި ކުރިން ވަނީ ޑާބީ ކައުންޓީ އާއި ޗެލްސީއަށްވެސް ކޯޗުކަން ކޮށްދީފައެވެ.