ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: އަފީފަށް ދޭންވެސް އިނގިރޭސިން އުޅުނީ ކޮޅުކެއްސެވެ.

އިމާދު ލަތީފު

7

ސުވާދީބުގެ ނަމުގައި 1959 ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރަށް ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި ހިންގުނު ވަކިވެގަތުމުގެ ހަރަކާތަކީ އިނގިރޭސިން އަޑީގައި ތިބެގެން އެމީހުންގެ އަމިއްލަ ބޭނުމެއް ފުއްދުމަށްޓަކައި ވަގުތީގޮތުން ހިންގުނު ހަރަކާތެކެވެ. މި ހަރަކާތުގެ ވެރިއެއްގެ ގޮތުގައި ހުންނެވުމަށް އައްޑޫ ހިތަދޫ ފިނިފެންމާގޭ އަބްދު ﷲ އަފީފު އެއްބަސްވެވަޑައިގެންނެވީ އެ ހަރަކާތް ކޮންމެ ގޮތަކަށް ނިމުނަސް އިނގިރޭސިންގެ ހިމާޔަތް ލިބުން ޝަރުތު ކުރައްވައިފައެވެ. މިކަމަށް އެއްބަސްވެ އަފީފާއި އޭނާގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ސިއްކަ ޖަހައިފައިވާ ލިޔުމެއް އިނގިރޭސިން ދިނެވެ. އަދި އެހެން ދެލިޔުމެއްވެސް ދިނެވެ. ފަހުން ކަންކަން ބަދަލުވެ މި ހިމާޔަތް ނުދިނުމުގެ ވިސްނުމެއް އިނގިރޭސިން ވަރަށް ބޮޑަށް ގެންގުޅުނެވެ. އިނގިރޭސިން ދީފައިވާ ތިން ލިޔުންވެސް ގަދަބަދަވިކަމުން އަތުލައި، އެއީ ނުދޭ ލިޔުމަކާއި ނުދޭ ހިމާޔަތަކަށް ހަދަން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.

އިނގިރޭސިން ދީފައިއޮތް ތިން ލިޔުން އަތުލުމަށް އެންމެ ފުރަތަމަ މަސައްކަތްކުރީ ސުވާދީބު އުވައިލުމުގެ ގަރާރުގައި އަފީފު ސޮއިކުރައްވައި އެ ހަރަކާތް ރަސްމީގޮތުން ނިމުނީކަން ހިތަދޫ ރައްޔިތުންނަށް އަންގަވައިފައި ދެން ކަންކަން ކުރަންވީގޮތުގެ މަޝްވަރާޔަށްޓަކައި 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގެ ތެރެއިން ދުވަހެއްގަައި ގަމަށް ދަތުރުކުރައްވަނިކޮށް ކަނޑުމަތިންނެވެ. އަފީފު ގަމަށް ދަތުރުކުރެއްވީ ހަތަރު މީހުންގެ ވަފުދަކާއެކީގައެވެ. މި ވަފުދު ގަމަށް ފޯރުމުގެ ކުރިން އާރްއޭއެފްގެ ބާރަށްދުވާ ލޯންޗެއްގައި އިނގިރޭސި ޚާއްސަ މަންދޫބު ރައުންސްވެއިޓް ވަޑައިގެން ކަނޑުމަތިން އާރްއޭއެފްގެ ލޯންޗަށް މި ވަފުދު ނަންގަވައިފިއެވެ. ލޯންޗުގެ ތެރޭގައި ރައުންސްވެއިޓް އެދިވަޑައިގަތީ އިނގިރޭސިން ދީފައިވާ ލިޔުންތައް އަނބުރާ ދެއްވުމަށެވެ. ޖަވާބުގައި އަފީފު ވިދާޅުވީ އަނބުރާދޭގޮތަށް އިނގިރޭސިން ލިޔުމެއް ދީފައިނުވާ ކަމަށާއި ތިޔަޒާތަށް ބިރުދައްކައިގެން ހޯދޭނެ ލިޔުމެއް ނެތްކަމުގައެވެ.

ހިމާޔަތުގެ ލިޔުންދޭން އަފީފު އިންކާރު ކުރެއްވީމާ ރައުންސްވެއިޓް ކޯފާ އިސްކުރައްވައި ވިދާޅުވިކަމަށް އަޑުއަހާންތިބި މީހުން ބުނެއެވެ. ހަތިޔާރު އެބަހުއްޓެވެ. ބާރުއެބަހުއްޓެވެ. ޖަވާބުގައި އަފީފު ވިދާޅުވީ މިހެންނެވެ. ތިޔަކަން އެނގެއެވެ. ލިޔުމެއް ހޯދީވެސް އެހެންވެއެވެ. އެއަށް އަމަލުކުރުމާއި ނުކުރުން އެއީ ކަލޭމެންގެ ކަމެކެވެ. ކޮންމެގޮތެއްވިޔަސް އެލިޔުން އަނބުރާ ހަވާލުކުރުމެއްނެތެވެ. ހަދާނެ އެއްޗެއް ހަދާށެވެ. އަފީފު މިހެން ވިދާޅުވީމާ ރައުންސްވެއިޓް ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. ގަމަށް ހިނގާށެވެ. މިހެން ވިދާޅުވެފައި އަފީފާއިގެން ގަމަށްގޮސް ސްޓޭޝަން ކޮމާންޑަރު ފްލައިޓް ލެފްޓިނަންޓް ޑޭންކިންވެސް އިންނަވައިގެން ދެން ހަމަޖެއްސީ ސީޝެލްސްއަށް އަފީފާއި އާއިލާ ފުރުވައިލުމުގެ އިންތިޒާމްތަކެވެ. އެހެން އެއްވެސް ގޮތެއްނެތި މަޖުބޫރުވެގެންނެވެ.

އަފީފު ފުރާވަޑައިގެންނެވި މަނަވަރަކީ އެޗްއެމްއެސް ލޮކްލޮމޮންޑެވެ. މިއީ އެދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މާލެއިން ނުވަތަ އައްޑުއަތޮޅުން ގަމުގައި އޮންނަ އިނގިރޭސި އަސްކަރީ މަރުކަޒަށް އަތުވެދާނެ ލޮޅުމަކުން ގަން ދިފާއުކުރުމަށްޓަކައި އިނގިރޭސި ކަނޑުގެ ސިފައިން އެކިފަހަރުމަތިން ފޮނުވި ގާރޑްޝިޕްގެ ތެރެއިން މަނަވަރެކެވެ. އެދުވަސްވަރު ގަން ގާރޑްކުރުމުގެ މަސްއޫލިއްޔަތު އޮތީ ލޮކްލޮމޮންޑަށެވެ. މި މަނަވަރަށް އަފީފާއި އޭނާގެ އާއިލާ އެރުވީ އެންމެންގެ ލަގެޖުވެސް ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހުގައެވެ. އެވަރަށް ފާސްކުރީ އަފީފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން ހުރި މިންވަރު ދެނެގަތުމަށާއި ތެދުވެރިއަކަށް ނުވަންޏާ ހިމާޔަތްދީގެން ސީޝެލްސްއަށް ގެންދިއުމުގެ ބަދަލުގައި އައްޑުއަތޮޅުގައި ބެހެއްޓުމުގެ ނިޔަތުގައެވެ.

އިނގިރޭސިން ހީކުރީކަމަށް ވެދާނެއެވެ. އަފީފު ވަޑައިގަންނަވާނީ ސުވާދީބު ބޭންކާއި އައްޑޫ ޓްރޭޑިން ކޮމްޕެނީގައި ހުރިއްޔާ ހުރި ޕައުންޑަކާއިގެންނެވެ. މި ފާސްކުރުމަކުން އަފީފާއި އާއިލާގެ އަންނައުނާއި ކޮންމެހެންވެސް ބޭނުންވާ އަސާސީތަކެތި ފިޔަވައި އެހެން އެއްވެސް މުދަލެއް، ފައިސާއެއް ނުފެނުނެވެ. އާއިލާގެ އަމިއްލަ މިލްކު މުދަލުގެ ތެރެއިން ކުޑަމިނުން ގަހަނާގެ މިންވަރެއްވެސް ނުގެންދަވައެވެ. އަފީފުގެ އާއިލާކަމުގައި ހިމެނުނީ އަނބިކަނބަލުން އަނީސާއާއި ތިން ކުދީންނާއި އަފީފެވެ. ފަހުން ސީޝެލްސްގައި އިތުރު ތިން ކުދިން ލިބިވަޑައިގަތެވެ. ސީޝެލްސްގެ މިހާރުގެ ނާއިބުރައީސް އަހުމަދު އަފީފަކީ ސީޝެލްސްގައި ލިބިވަޑައިގެންނެވި ކުއްޖެކެވެ. ސީޝެލްސްގައި އަފީފު ހުންނެވީ އިނގިރޭސި ޕެންޝަނަރެއްގެ ގޮތުގައެވެ.

އަފީފާއި އާއިލާ ސީޝެލްސްގައި ވަޒަންވެރި ކުރުވުމަށް އަރިހުގައި ދިޔައީ ގަމުގައި މަސައްކަތްކުރި ސީޝެލްސްގެ ރައްޔިތެެއް ކަމަށްވާ މިސްޓަރ ހިޓީއެވެ. މި ގްރޫޕާއިގެން އެޗްއެމްއެސް ލޮކްލޮމޮންޑް ސީޝެލްސްއަށް ލެފީ ގަމުން ފުރިތާ ފަސްދުވަސްފަހުން 6 އޮކްޓޫބަރު 1963 ގަައެވެ. އެދުވަހަކީ އަފީފުގެ މައިކަނބަލުން ހިތަދޫގައި އަވަހާރަވި ދުވަހެވެ. ކޮންމެއަކަސް އަފީފު ފުރުވައިލުމަކީ އިނގިރޭސިންނާއި ދިވެހި ސަރުކާރާމެދު އަނގަބަހުން ވެވިފައިއޮތް އެއްބަސްވުމާ ޚިލާފަށް އިނގިރޭސިންކުރި ކަމެކެވެ. ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ސިއްރުން ކުރިކަމެކެވެ. މިކަން ނާސިރަށް އެނގިވަޑައިގަތީމާ ދެން ކަންކަން ހިނގީ ވަރަށް ދެރަވަރު ގޮތަކަށެވެ. އަފީފު އަލުން ރާއްޖެއަށް ގެނެސް ދިވެހި ސަރުކާރާ ހަވާލުނުކުރަނީސް ވާހަކަދެއްކުމެއްވެސްނެތޭ ވިދާޅުވެފައި އިނގިރޭސީންނާ މުއާމަލާތުކުރުން ނާސިރު ހުއްޓަވައިލައްވައިފިއެވެ.