ސްރީލަންކާ

ފީފާއިން ލަންކާ ސަސްޕެންޑްކޮށްފި

ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ސްރީ ލަންކާގެ ފުޓުބޯޅަ ފެޑަރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑްކޮށްފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ފީފާއިން އިއްޔެ ލަންކާ އެފްއޭ ސަސްޕެންޑް ކުރީ ތިންވަނަ ފަރާތެއްގެ ނުފޫޒު، އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ވަދެފައިވާ ކަމަށް ބުނެއެވެ. ލަންކާގެ ކުޅިވަރު އިދާރާތަކުން އެގައުމުގެ އެފްއޭއިން އެންމެފަހުން ބޭއްވި އިންތިހާބުގެ ތެރެއަށް ނުފޫޒު ފޯރުވި ކަމަށް ނޫސްތަކުގައި ބުނެފައިވާ އިރު، އެ އިންތިހާބަކީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިހާބެކެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތިމާ ސަމޫރާ ސޮއިކުރައްވައި އިއްޔެ ލަންކާ އެފްއޭއެއަށް ފޮނުއްވި ސިޓީގައި ވަނީ ފީފާގެ މެމްބަރެއްގެ ގޮތުގައި ދެމި އޮތުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް މިވަގުތު ސްރީ ލަންކާ ފެޑެރޭޝަނުގައި ހަމަވެފައި ނެތް ކަމަށާއި މުއްދަތެއް ނެތް ގޮތަށް ލަންކާ އެފްއޭ ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ސިޓީގައިވާ ގޮތުން ހާލަތު ބަދަލުކޮށް، ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމާނީ ލަންކާއިން ކަންކަން ރަނގަޅު ކުރުމުން ކަމަށެވެ.

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް އެންމެފަހުން އިންތިހާބުވެވަޑައިގަތީ ކުރީގެ މެމްބަރު އަދި ފުޓްބޯޅަ ކުޅުންތެރިޔާ ޖޭ ސްރީ ރަންގާއެވެ. އޭގެ ކުރިން ރައީސަކަށް ހުންނެވި ޖޭސްވަރު އުމަރަށް މިފަހަރު އިންތިހާބުގައި ވާދަކުރެވިފައިނުވާ އިރު، އޭނާއަށް އިންތިހާބުގައި ވާދަނުކުރެވުނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަސްޕެންޝަނުގެ މުއްދަތުގައި ލަންކާގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ފީފާ އާއި އޭއެފްސީގެ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެއެވެ. އަދި ސަސްޕެންޝަން އުވާލުމަށްފަހު ނޫން ގޮތަކަށް ފީފާގެ އެއްވެސް އެހީތެރިކަމެއް ލަންކާގެ ފުޓްބޯޅައަށް ނުލިބޭނެ ކަމަށްވެސް ފީފާއިން ވަނީ އަންގައިފައެވެ.

ފަހަކަށް އައިސް ދެކުނު އޭޝިއާގެ ގައުމުތަކުގެ އިދާރީ ކަންކަމަށް މައްސަލަތައް ކުރިމަތިވެފައިވާ އިރު، މިދިޔަ އަހަރުގެ ފަހުކޮޅުގައި އިންޑިއާގެ އެފްއޭވެސް ސަސްޕެންޑް ކޮށްފައިވެއެވެ. އިންޑިއާގެ ސަސްޕެންޝަން މިހާރު އުވާލާފައިވާ އިރު، އޭގެ ކުރިން 2021 ވަނަ އަހަރު ސަސްޕެންޑް ކުރި ޕާކިސްތާނުގެ ސަސްޕެންޝަންވެސް މިހާރު ވަނީ ފީފާއިން އުވާލައިފައެވެ.