އެމްޑީޕީގެ ފިކުރު ހަލާކުވަމުން މިދަނީ ބަޔަކު އެމްޑީޕީ ތެރޭގައި ބަގުޑިބައްދައި އެހެން މީހުންނަށް ޖާގަ ނުދިނުމުގެ ސަބަބުން ކަމަށާއި އެމްޑީޕީގެ ފިކުރު ދިރުވައި އާލާކޮށްދެވޭނެ ކެނޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިގިނގި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ވިލިނގިއްޔަކީ ކުރިން ޕީޕީއެމްގެ ކިއްލާއެއް ކަމަށާއި ނަމަވެސް މިއަދު ވިލިނގިއްޔަކީ ހުވަދު އަތޮޅުގެ ކިއްލާ ކަމަށެވެ. ސައުދު ވިދާޅުވީ ވިލިގިނލި ރައްޔިތުން ވެސް ގަބޫލުކުރަމުން އައީ އެމްޑީޕީ ކުރިނާރައި މަޑުޖެހިފައިވާ ކަމަށެވެ.

"ތިބޭފުޅުން ސާބިތުކަމާއެކީ ތިއްބަވާތި، މިއަދު ފިކުރެއް ފަނާވެގެންމިދަނީ އެ ފިކުރެއްގެ ތެރޭގާ ވަކިބަޔަކު ބަގުޑި ބައްދައިގެން އެހެން މީހުންނަށް ޖާގަ ނުދިނުމުގެ ނަތީޖާ. މިއަދު އެމްޑީޕީގެ ފިކުރު ދިރުވާ އާލާކޮށްދޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ވިލިނގިލީގައި ހުއްޓިފައިވާ ތަރައްގީ ކުރިއަށް ގެންގޮސްދެއްވީ ރައީސް ސޯލިހު ކަމަށެވެ. ވިލިނގިލި ރައްޔިތުން އެދިފައިވާ ގޮތަށް އެރަށާއި ގއ. ކޫއްޑޫ ބުރިޖަކުން ގުޅުވާލައި ބަނދަރު ތަރައްގީކޮށްދެއްވާނެ ވެރިއަކީ ވެސް ރައީސް ސޯލިހު ކަމަށް ސައުދު ވިދާޅުވިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ސައުދު މިއަދު ވިދާޅުވީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ލިބުނު ފުރުސަތުގައި އެކަން ކޮށްދީފައިނުވާ ކަމަށާއި އެހެންކަމުން އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ފާއިތުވި 30 އަހަރު މަސްވެރިކަން ތަރައްގީ ނުކުރެވުނު މިންވަރަށް ތަރައްގީ ކުރަމުން ކަމަށާއި އޭގެ މިސާލަކީ ކޫއްޑޫ ފިޝަރީޒް ކޮމްޕެލްކްސް ތަރައްގީކުރުމުގެ މަޝްރޫއު ކަމަށް ސައުދު ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނަތް ތަހުގީގު ކުރީ މި ސަރުކާރުން ކަމަށާއި އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރު ދޫކޮށްނުލެވޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.