ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސިޔާސަތުތަކާއި އިދިކޮޅު ޕީޕީއެމްގެ ސިޔާސަތުތަކުގައި އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ވިދާޅުވީ، ޕީޕީއެމްގެ ސިޔާސަތުތަކަކީ އެ މަނިކުފާނަށް ގަބޫލުފުޅުކުރައްވަން ވަރަށް ފަސޭހަ ސިޔާސަތުތަކެއް ކަމަށާއި ހިޔާލުތަފާތުވާ ހަމައެެކަނި ކަމަކީ ގައުމިއްޔަތު މާނަކުރުމުގައި ޕީޕީއެމުން ގެންގުޅޭ ހަމަތައް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަނުން ގެންގުޅޭ ސިޔާސަތުތައް ބަލައިގަންނަން ދަތި ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތުތަކާ ފިކުރާ މުޅިން ދުރު ސިޔާސަތުތަކެއް ކަމަށް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން އެމްޑީޕީގެ ސިޔާސަތުތައް އޮތް ގޮތަށް އޮއްވައި، އެމްޑީޕީގެ މެނިފެސްޓޯ ނޫ ކުލައިގައި ހުންނާނެ، ކުރީގެ 50 ރުފިޔާ ނޫޓެއްގެ ޑިޒައިންގައި އަޅުގަނޑުމެންގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯ އޮތީ. އެއާ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވީ ކަންކަމާއި ދެ ބަސްވީ ކަންކަމާއި ޕީޕީއެމްގެ މެނިފެސްޓޯ އެހެން އަޅައި ބެލީމާ އަޅުގަނޑަށް ފެންނަނީ އެހާ އުނދަގޫ ކޮށެއް ނޫން. އަޅުގަނޑަށް މާ އުނދަގޫ އިއްތިހާދުގެ މެނިފެސްޓޯ،" ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމްގެ ސިޔާސަތުތަކާއި އެމްޑީޕީގެ ސިޔާސަތުތަކުގައި އެއްގޮތް ކަމެއް ހުއްޓަސް ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަންކަމަކީ ގޯސް ކަންކަން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ޕީޕީއެމާއެކު ސިޔާސީ މަސައްކަތްކޮށްފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ވިދާޅުވީ އެ މަނިކުފާނު ސިޔާސީ މަސައްކަތް ކުރައްވާނީ ހަމައެކަނި އެމްޑީޕީއާ އެކުގައި ކަމަށެވެ.