އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީ އަލުން މަގުމަތި ނުވާނެ ގޮތަަކަށް ވިސްނަވާ ވޯޓް ދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން އެ މަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން ރައީސް ސޯލިހު އެންމެ ގިނައިން ދައްކަވާ އެއް ވާހަކަފުޅަކީ އެ މަނިކުފާނަށް ޕްރިމަރީ ކާމިޔާބުވެވެޑައިނުގެންފި ނަމަ އެމްޑީޕީ އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވެރިކަން ލިބި، އެމްޑީޕީ މެންބަރުން އަލުން މަގުމަތިވާނެ ވާހަކައެވެ.
ގއ. ވިލިނގިލީގައި އިއްޔެ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ސޯލިހުގެ އެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަމާޒެއް އެބަ އޮތް ކަމަށާއި އެކަމަށްޓަކައި ނަަގަންޖެހޭ ކޮންމެ ރިސްކެއް ނަންގަވާނެ ކަމަށެވެ. އަދި މަދު ބައެއްގެ އިއްޒަތާއި މަގާމަށްޓަކައި އެމްޑީޕީ ގުރުބާން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ނޫން... މި ޕާޓީ އެއް މަގުމައްޗެއް ނުވާނެ. އެއީ ކޮންފަދަ ވާހަކައެއްތޯ؟ ހާހެއްހާ މީހުން ސަރުކާރު ވަޒީފާގައި މި އުޅެނީ. ވަޒީރު ބޭފުޅަކަށް ދޭ 70،000 ރުފިޔާ އެ ބޭފުޅާއަށް އެ ގެއްލިދާނެ. އަޅުގަނޑުމެންނަކީ 100،000 މެންބަރުންގެ ޕާޓީއެއް. 1،000 މީހުންނަށްޓަކައެއް އަޅުގަނޑުމެންނަކަށް މި އުންމީދެއް ނަގައެއް ނުލެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އަސާސްތައް ދެމެހެއްްޓުމަށް ފެށި ދަތުރު ނުނިންމައި ހުއްޓާ ނުލައްވާނެ ކަމަށާއި އެ މަސައްކަތުގައި އެ މަނިކުފާނަށް ލިބޭ އެންމެ ބޮޑު އުފަލީ ރައްޔިތުން އެކުގައި ތިބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު