ފުވައްމުލަކު ސިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވާނީ އޭ ޕްލަސް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ މާދަޑު އަވަށުގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އިސްމާއިލް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ފުވައްމުލަކު ސިޓީގައި މަޝްރޫއުތައް ހިންގާފައިވާ ގޮތުން އަލުން ބަލުން އެ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން ކަންކަން ކުރަނީ އަލުން ކަންކަން ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.
އިސްމާއިލް ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ފުވައްމުލަކަށް ވެސް މި ސަރުކާރުން ގެންނަ ތަރައްގީ ދަމަހައްޓަން ކަމަށެވެ.
"ހަމަ ގައިމުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އެމަނިކުފާނަށް އޭޕްލަސްއެއް. އަޅުގަނޑުވެސް ބޭނުންވަނީ ފުވައްމުލަކަށް ޕްލޭންކޮށްފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން،" މޭޔަރު އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ފުވައްމުލަކު ސިޓީއަށް ތަރައްގީ ގެނެސްދެވޭނެ ވެރިޔަކީ ރައީސް ސޯލިހު ކަމަށާއި ފުވައްމުލަކު ސިޓީއަށް ތަރައްގީގެ ޔަގީންކަން ދީފައިވަނީ މި ސަރުކާރުން ކަމަށެވެ.
އިސްމާއިލް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްރަށަށްވެސް ރައީސް ސޯލިހު އިސްކަން ދެއްވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓެން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެހެންވެ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު