އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުނުކޮށް ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރަން އެމްޑީޕީއަށް އުނދަގޫވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން ބޭނުންވާ ބަދަލު ރާއްޖެއަށް ގެނެވޭނީ އެމްޑީޕީން ވެރިކަމުގައި ތިބެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މާޒީން ފެނިގެން ގޮސްފައިވަނީ ވެރިކަމުގައި އޮތް ބަޔަކަށް ނޫނީ އެހެން އިންތިހާބުތައް ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެވިފައި އޮތީ އެވަގުތު ވެރިކަމުގައި އޮތް ޕާޓީއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2008 ގައިވެސް ވީ އެހެން، 2013 ގައިވެސް އެހެން. 2013ގައި ވެރިކަމުގައި އޮތީ ޕީޕީއެމް. ޕީޕީއެމް ބޮޑުތަނުން މަޖިލިސް އިންތިހާބު ނެގި، ކައުންސިލްތައް ނެގި. 2018 ގައި އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު ދެން ބޭއްވި ރައްޔިތުންގެ މަޖިލިސް ބޮޑުތަނުން ކާމިޔާބުކޮށްގެން މިތިބީ، ކައުންސިލްތައްވެސް ކުރިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށާއި އެ އިންތިހާބު ކާމިޔާބުނުކޮށް ދެން އަންނަ އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތި އުނދަގޫ ކަމެއް ކަމަށެވެ.

"24 ބޭނުންވިޔަސް، 26 ބޭނުންވިޔަސް ފުރަތަމަ ކުރަން މިޖެހޭ ކަމަކީ 23 ކާމިޔާބު ކުރުން. ތި ހުރިހާ ބޭފުޅުންވެސް، ސީނިއާ ބޭފުޅުންވެސް މިކަމާ ވިސްނަވާ ފިކުރުކުރެއްވުން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ކުރެވޭނީ ވެރިކަމުގައި ތިބެވިގެން ކަމަށާއި މަގުމަތީގައި ތިބެގެން އެކަން ނުވާނެ ކަމަށެވެ. އަދި މަގުމައްޗަށް ދާން ނުޖެހޭ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓު ލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.