ރިޕޯޓް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފުލެޓުތަކުން ހިތްހަމަޖެހުމާއި ރީތިކަން، އަގުވެސް ސަޅި!

ރިފާ ހަލީލު

އިއްޔެ ފެނުނީ ހަމައެކަނި ފޮޓޯތަކެވެ. މިއަދު ހަމަލޮލުން ބަލައިލަން ދިޔުމުގެ ފުރުސަތު ނޫސްވެރިންނާއި އާންމުންނަށް ހުޅުވާލި އިރު އެތަނަށް ވަނުމުން ލިބުނީ އުފާވެރިކަމެވެ. ހިތްހަމެޖެހުމެވެ. މިނިވަންކަމެވެ. ކޮންމެ ބުރިއެއްގައި 8 އެޕާޓުމެންޓު ހުރި ނަމަވެސް އެއް އެޕާޓުމެންޓެއްގައި އުޅޭ ފަރާތްތަކުގެ އުނދަގޫ އަނެއް އެޕާޓުމެންޓަކަށް ނުވާނެއެވެ.

މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު ވިދާޅުވީ, 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށެވެ. އެއީ 1,624 ފްލެޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލްފިއްޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ޑައުންޕޭމަންޓަކާއި ނުލައި ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއު ނިންމައި ރައްޔިތުންނާ ހަވާލުކުރާއިރު އެންމެ ފުރިހަމަ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ކަހަލަ ތަނެއް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަނުގެ ޑިޒައިން ސްޓޭޖުން ފެށިގެންވެސް ބެލީ ތަނުގެ ބޮޑުމިނާއި، ސްޕޭސެސް ގެންގުޅޭނެ ގޮތާއި، ރައްޔިތުންނަށް ފަސޭހަކޮށް އެއްޗިހި ގެންގުޅެވޭނެ ސައިޒުތަކާއި އެއްޗިއްސަށް ބަލައިގެން މިތަންތަން ޑިޒައިން ކުރެވޭތޯ. އެހެންވީމާ މިއަދު މިފެނިގެންދަނީ އެކަންތައް. ވަރަށް ހިތްގައިމު، ހިތްފަސޭހަ ދިރިއުޅުމަކަށް މި އެޕާޓުމެންޓުތައް ބޭނުންކުރެވޭނެކަން. އަޅުގަނޑު ދެކޭ ގޮތުގަ މިތަންތަނުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ." އޭނާ ވިދާޅުވިއެވެ.

ތިން ކޮޓަރީގެ އެޕާޓުމެންޓެއްގައި 900 އަކަފޫޓު ހުންނައިރު ސިޓިން ރޫމުގެ ދިގުމިނުގައި 21 ފޫޓު ހުރެއެވެ. ފުޅާމިނުގައި 12 ފޫޓު ހުރެއެވެ. ކޮޓަރިތަކުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 9 ފޫޓާއި 12 ފޫޓާއި ދެމެދުގެ އަދަދެއްގެ ބޮޑުމިން ހުރެއެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ފޭސް 2ގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައިވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓު ތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓުތަކެވެ.

އަގުތަކާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ސަލްފިއްޔާ ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓުމަންޓުތައް 13،000 ރުފިޔާއަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މި އަގުތައް ބަދަލުވުން އެކަށިގެންވާ ކަމަށާއި އަގުތައް އެއަށްވުރެ ބޮޑުވިޔަ ނުދޭން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އިމާރާތްކޮށްފައިވަނީ ހުސް ކޮންކްރީޓުން، އިމާރާތަށް މަދުވެގެން 50 އަހަރު ގެރެންޓީއެއް:

ޓަވަރުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު ޝީޓުން ފެށިގެން ފާރުތަކާއެއްކޮށް އިމާރާތްކޮށްފައިވަނީ ކޮންކްރީޓުންނެވެ. އެހެންކަމުން ރެނދުލުމާއި ފާރު ކަނޑައިގެންދިޔުމުގެ މައްސަލަތައް ދިމާނުވާނެ ކަމަށް ތަނުގެ ޑިވެލޮޕްމަންޓު ޓީމުން ބުންޏެވެ.

"ރައްޔިތުންނަށް ވީހާވެސް ހަރަދު ކުޑަވާނެ ގޮތަށް އަޅުގަނޑުމެން ވަރަށް ބެލިން. ކޮލިޓީ މިއީ އެންމެ ބޮޑަށް ވިސްނި އެއް ކަންތައް. އެގޮތުން ހުސް ކޮންކްރީޓުން އިމާރާތްކުރީމާ ރެނދުލުމާއި ކަނޑައިގެން ދިޔުމުގެ ކަންކަން ދިމާނުވާނެ. މިހެންވީމަ މެއިންޓެނެންސަށް ދާ ހަރަދުވެސް ކުޑަވާނެ." ތަނުގެ ޑިވެލޮޕްމަންޓު ޓީމުން ނޫސްވެރިންނަށް މައުލުމާތު ދެމުން ބުންޏެވެ.

ބޭނުންކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އިމާރާތްތައް ބާވެ ދިރިނޫޅެވޭ ވަރުވެސް ވެއެވެ. ނަމަވެސް މިތަނުގައި މިފަދަ މައްސަލައެއް ނުޖެހި މަދުވެގެން 50 އަހަރު ދިރިއުޅެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައެވެ.

ޒަމާނާ ގުޅެ ގޮތަށް ބަދިގެއާއި ލޯންޑަރީ ވަކިކޮށްފައި:

ފަހަކަށް އައިސް ފެންނަނީ ބަދިގޭގައި އެއްޗެހި ދޮވެވޭ ގޮތަށް މެޝިން ބަހައްޓާފައި ހުންނަ ތަނެވެ. ނުވަތަ ބެލްކަނީގެ ބައެއްގައި މެޝިން ބަހައްޓާގޮތަށް ހަދާފައި ހުންނަ ތަންތަނެވެ. ނަމަވެސް މި ފްލެޓުތަކުގައި ބަދިގެ ހުންނަނީ ސިޓިން ރޫމާ ވަކިކޮށްފައެވެ. ދިރިއުޅޭ ބަޔަކު ބޭނުންވާ ނަމަ ވަކިން ދޮރެއްވެސް ހަރުކޮށްލެވޭ ގޮތަށެވެ.

ބަދިގޭގައި ހަތް ފޫޓުން ފެށިގެން 10 ފޫޓު ހުންނަ އެޕާޓުމަންޓުވެސް އެބަހުއްޓެވެ. މިއީ މިހާރު އެޕާޓުމަންޓު ތަކުގެ ބަދިގެތަކުގެ ބޮޑިމިނެވެ. ލޯންޑަރީގެ ފުޅާމިނުގައި ތިން ފޫޓު ނުވަ އިންޗި ހުރި އިރު ދިގު މިނުގައި ހުންނަނީ ހަ ފޫޓު ދެއިންޗެވެ. ލޯންޑަރީ ހުންނަނީ ވަކިން ވަދެވޭ ގޮތަށް ދޮރުލައިފައެވެ.

ދެން އޮތީ ތަނުގެ އެންމެ ހިތްގައިމު އެއް ކަންތަކެވެ. އެއީ ސިޓީން ރޫމުގައި ހުންނައިރު އެފެންނަ ހިތްގައިމު މަންޒަރެވެ. ރީތި ގޮނޑުދޮށްތަކެވެ. ޖެހޭ ފިނި ވައިރޯޅިއެވެ. ބޮޑު ބެލްކަންޏެއް ހުންނައިރު އެތަނުގައި ކުޑަ ޖޯއްޔެއް ބެހެއްޓޭ ވަރުގެ ޖާގައެއް ހުރެއެވެ. އެއްޗިހި ހިއްކަން އަޅުވާނެ ބޮޑު ޖާގައެއްވެސް އެތަނުގައި ހުރެއެވެ. ބެލްކަނީގެ ފުޅާމިނުގައި ހަތް ފޫޓު ނުވަ އިންޗި ހުންނައިރު ދިގު މިނުގައި ތިން ފޫޓު އެއް އިންޗި ހުރެއެވެ.

ފުލެޓުތައް އިމާރާތްކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވެވޭނެ ޒަމާނީ ވަސީލަތްތަކާއިއެކުއެވެ. އެގޮތުން، ކޮންމެ އެޕާޓްމަންޓެއްގެ ވަންނަ ދޮރަކީ "ފަޔާ ޕްރޫފް' ދޮރެކެވެ. އޭގެ މާނައަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެދޮރުގައި އަލިފާން ހިފުމުގެ 90 މިނެޓް ފަހުން ނޫނީ އަލިފާނުގެ އަސަރު ގޭތެރޭގައި ތިބޭ މީހުންނަކަށް ނުކުރާނެއެވެ. އޭގެ ސަބަބުން އަލިފާނުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މިހައުސިން ޔުނިޓުގެ ކޮންމެ ޓަވަރެއްގައި "ޑްރައި ރައިޒާ ސިސްޓަމް" އަދި "ހޯސްރިލް ސިސްޓަމް" ގާއިމުކޮށްފައިވެއެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ މިސިސްޓަމްތަކުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލްކުރޭވޭނެ މިންވަރަށް ޓޭންކުގައި ފެން ހުންނާނެއެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި އަލިފާން ނިއްވާ ފުޅީގެ އިތުރުން އެލާމް ސިސްޓަމްތައްވެސް ގާއިމުކުރާނެއެވެ.

މީގެއިތުރުން އެޕާޓުމަންޓުތަކަށް ބަދަލުވާ މީހުން އިތުރަށް ކުރަން ޖެހޭ ވަޔަރިންއެއް ނޯންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން ވަޔަރިން އާއި ކޭބަލްގެ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާނެ ކަމަށާއި އެ އެޕާޓުމެންޓެއްގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ ނެޓުވޯކެއް ގުޅޭނެ ގޮތަށް ހުރިހާ ކަމެއް ތައްޔާރުކޮށްފައިވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ކުރިމަތިލާފައިވާއިރު ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.