ޔުވެންޓަސް

ޓްރާންސްފާތަކުގައި މަކަރު ހެދުމުން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކޮށްފި

ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުގެ މައްސަލައެއްގައި ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފިއެވެ.

އިޓަލީ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ޔުވެންޓަސްގެ ޓްރާންސްފާތަކުގެ ހިސާބުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި އެކަމުގެ ތަފްސީލުތައް ހާމަކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

އިޓަލީގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު ކްލަބު ޔުވެންޓަސްގެ މުޅި ބޯޑު، އެ ކްލަބުގެ ޗެއާމަން އަގްނޭލީއާއެކު މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު ވަނީ އިސްތިއުފާ ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ކްލަބުގެ ބޯޑު އިސްތިއުފާ ދިނީ ރެކޯޑު ގެއްލުމެއް މިދިޔަ ސީޒަނުގައި އެކްލަބަށް ވުމާއެކުގައެވެ. އަދި އޭގެ އިތުރުން އިސްތިއުފާ ދިނުމުގެ ފަހަތުގައި އިޓަލީ ފުޓުބޯޅަ އިދާރާއިން ބަލަމުންދިޔަ މައްސަލަވެސް ހިމެނެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ޔުވެންޓަސްއިން ބުނެފައި ވަނީ ޓްރާންސްފާތަކުގެ ފައިސާގެ މައްސަލަތަކެއްގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަކަށް އެއްބާރުލުން ދޭން ކްލަބުން ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގުތައް ހިނގަމުން ދަނީ ކުޅުންތެރިންގެ އިމޭޖް ރައިޓް ފަދަ ކަންކަމުގެ ރެޖިސްޓްރޭޝަންތަކުގައި ބޮޑެތި ފައިސާގެ އިހުމާލުތަކެއް ހިންގާފައިވާތީއެވެ. އެ މައްސަލަތައް ހިންގާފައި ވަނީ 2019 ވަނަ އަހަރުން 2021 ވަނަ އަހަރާ ދެމެދު ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

އެމައްސަލައިގެ ތަހުގީގު ނިންމައި، އިއްޔެ، އިޓަލީ ފެޑެރޭޝަނުން، ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރި އިރު، އެ ޓީމު މިހާރު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ ގަދަ ހަތަރަކާ ދެމެދު 15 ޕޮއިންޓްގެ ފަރަގަކާ އެކުއެވެ.

ޔުވެންޓަސްގެ މައްޗަށް އެޅި އިތުރު ފިޔަވަޅުތަކަށް ބަލާއިރު، އެ ކްލަބްގެ މިހާރުގެ ސްޕޯޓިން ޑިރެކްޓަރު ފެޑެރީކޯ ޗެރުބީނީ ވަނީ 16 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. މި ނިންމުން އިޓަލީގެ އޮލިމްޕިކް ކޮމިޓީގައި އެޕީލްކުރަން ޔުވެންޓަސް އިން ވަނީ ނިންމައިފައެވެ.

ޔުވެންޓަސްގެ ކުރީގެ ލީޑަޝިޕަށް އެޅި ފިޔަވަޅުތަކަށް ބަލާއިރު، ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑްކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ 30 މަހަށް ސަސްޕެންޑްކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް ޕަވެލް ނެޑްވެޑަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެއެވެ. ޕަރަޓީޗީ މި ވަގުތު ހުރީ ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރަކަށެވެ.

ޔުވެންޓަސް ހިމެނޭ ގޮތަށް އަށް ކްލަބަކަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ފިޔަވަޅު އަޅައިފައިވާ އިރު، ސެރެއާ އޭގެ އިތުރު ދެ ކްލަބަކަށްވެސް ފިޔަވަޅު އެޅިއެވެ. އެއީ ސަމްޑޯރިއާ އާއި އެމްޕޮލީއެވެ.

ޔުވެންޓަސްގެ ކުރީގެ ޗެއާމަން އަގްނޭލީ ކްލަބާ އަލްވަދާއު ކިޔައި މިދިޔަ ބުދަ ދުވަހު އާ ބޯޑުން ކްލަބާ ހަވާލުވެފައިވެއެވެ. އެ ބޯޑުގެ ޗެއާމަނަކީ ޖިއާންލޫކާ ފެރޭރޯއެވެ. އާ ބޯޑަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ފައިސާގެ ގޯސްތައް ރަނގަޅު ކުރުމަށް އޮތް ޗެލެންޖެވެ.