މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ފެށެން ދުވަސް ކުޑަތަންވަމުންދާއިރު، މުބާރާތަށް ހުރިހާ ގޮތަކުންވެސް ދަނީ ތައްޔާރުވަމުންނެވެ. ގޯލްޑަން އިން މުބާރާތް ފުރިހަމަކުރަން އަބަދުވެސް ވިސްނަމުން ގެންދާ އިރު، އެއް އަހަރުން އަނެއް އަހަރަށް މުބާރާތް ފުރިހަމަވަމުންދާކަަން އެތައް ގޮތަކުން ދަނީ ފާހަގަވަމުންނެވެ.
ފެބްރުއަރީ ހަތަރު ވަނަ ދުވަހު މުބާރާތް ފަށަން ތާވަލުކޮށްފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. އޭގެ އިތުރުން މުބާރާތް ހުޅިވިގެންދާނީ ހާއްސަ ޝީލްޑް މެޗަކުންނެވެ. އެ މެޗުތަކުގައި އިންސާފުކުރާ ރެފްރީންގެ ތާޒާކަމަކީ މުބާރާތަށް ލިބޭނެ އެންމެ ފުރިހަމަކަން ކަމަށް ދެކި، އަދި ހާއްސަކޮށް ރާއްޖޭގެ ފުޓްސަލް ރެފްރީންގެ ކުރިމަގަށް ފަހިކަމެއް ގެނެސްދޭން ކުރާ މަސައްކަތެއްގެ ގޮތުގައި ގޯލްޑަން އިން ވަނީ ރެފްރީން ތާޒާކުރުމަށް ހާއްސަ ފުރުސަތެއް ފަހިކޮށްފައެވެ.
ފީފާ، އޭއެފްސީ އެލީޓް ފުޓްސަލް ރެފްރީ އިންސްޓްރަކްޓަރެއް ކަމަށްވާ މެލޭޝިއާގެ ބަދުރުލުން ހިސާމާއެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެފްއޭއެމްއާވެސް ގުޅިގެން ރެފްރީން ތާޒާކުރުމުގެ ހާއްސަ ސެޝަންތަކެއް ނަގައިދޭން ވަނީ ފަށައިފައެވެ. މިހާތަނަށް ހަތަރު ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ އިރު، މި އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވާ ޓީމުތަކުގެ ކޯޗުންނާއި މެނޭޖަރުންނަށް އަދި މެޗު ކޮމިޝަނަރުންނަށް ހާއްސަ ސެޝަނެއް މިރޭ ކުރިއަށްދާނެއެވެ.
ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ ތިއަރީ ސެޝަންތަކަށްފަހު މާދަމާ ރެފްރީންނަށް ޕްރެކްޓިކަލް ސެޝަނެއް ހަމަޖައްސާފައިވާ އިރު، ގޯލްޑަންއާއެކު ރެފްރީން ތާޒާ ކުރުމުގައި އިސްކޮށް އުޅެމުންދާ ކުރީގެ މަޝްހޫރު ފީފާ ރެފްރީ އަލީ ސަލީމް ވިދާޅުވީ ރެފްރީންނަށް މިފަދަ ފުރުސަތެއް ފަހިކޮށްދިނުން އެއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުންން ކުރި އަގުނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.
"ވަރަށް ޒަމާން ކޮށްފައި މިކަން އަލުން މި ކުރެވުނީ. 2009 ވަނަ އަހަރަށްފަހު އަލަށް ކަންނޭނގެ ފީފާ ފެންވަރުގެ ބޭފުޅަކު ގެނެސް ފުޓްސަލް ރެފްރީން މި ތާޒާ ކޮށްލެވުނީ. ވަރަށް ރަނގަޅު ފުރުސަތަކަށް ވެފައި މި އޮތީ ރެފްރީންނަށް. އަމިއްލަ ފަރާތެއް ވީމަ ވީއްލުމުގެ ކަންކަމާއެކު މި ޕްލޭން ކުރީ ބޮޑަށް ހުކުރު، ހޮނިހިރަށް،" ސަލީމް ބުންޏެވެ.
ޖުމުލަ 94 ރެފްރީން ސެޝަންތަކުގައި ބައިވެރިވާން އެދި ރަޖިސްޓްރީ ކޮށްފައިވާއިރު، މާލޭގެ ސެޝަންތަކުގައި 70 ވަރަކަށް ރެފްރީން ވަނީ ބައިވެރިވެފައެވެ. ރަޖިސްޓްރީ ކުރި ރެފްރީންގެ ތެރޭގައި އަތޮޅުތެރޭގެ ރެފްރީން ހިމެނޭ އިރު، އެ ރެފްރީންނާއެކު އޮންލައިން ސެޝަނެއް ނަގައިދޭން ތައްޔާރުވެފައިވާ ކަމަށް ސަލީމް ފާހަގަކުރިއެވެ.
"ހަގީގަތުގައި މި ކަމަކީ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރަންޖެހޭ ކަމެއް. ފީފާގެ މެންޑޭޓް ތެރެއިން އައިސްފައި އޮންނަ ކަމަކަށް ފުޓްސަލްއާއި ބީޗް ސޮކާވެފައިވާތީ މިކަން މި ކުރަން ޖެހެނީ އެފްއޭއެމުން. އެކަމަކު އެކަން އޮތީ ނުކުރެވި. އެހެން އެކަން ނުވެ އޮއްވައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކޮށްދިން އަނގުނުކުރެވޭނެ ވަރަށް ބޮޑު މަސައްކަތެއް މިއީ. ވަރަށް ބޮޑު ހަރަދެއްވެސް ދާނެ ކަމެއް މިއީ. ވަރަށް މުހިންމު ބޮޑު ކަމެއް މިކޮށް ދިނީ ގޯލްޑަން ފުޓްސަލް އިން. މިއީ ހަމަ ވަރަށް ބޮޑު މުހިންމު މަސައްކަތެއް،" ގޯލްޑަން އެސޯސިއޭޝަނަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ރެފްރީ ސަލީމް ބުންޏެވެ.
މި ފަހަރު ސެޝަންތަކަށްވެސް އެފްއޭއެމުން އެހީތެރިކަން ދީފައިވެއެވެ. ސެޝަންތަކުގައި ފުޓްސަލް ގަވާއިދަށް އައިސްފައިވާ ބަދަލުތަކާއެކު ރެފްރީންގެ ނިންމުންތައް ހަރުދަނާ ކުރެވޭނެ ގޮތްތައް ފާހަގަކޮށް ކިޔައިދީފައިވާ އިރު، ރެފްރީންގެ ނަޒަރުގައި މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެ ރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިދިޔަ އަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.
މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، ސަޕޯޓަރުންގެ ފޯރި ފެނުނީ ވަރަށް ގަދަކޮށެވެ. ހާއްސަކޮށް ރަށްރަށުގައިވެސް މުބާރާތުގެ ފޯރި ނަގާފައިވާކަން ފާހަގަވެފައިވެއެވެ.
މުބާރާތުގެ ތައްޔާރީތައް މިހާރުވެސް ރަށް ރަށުން ފޯރިއާއެކު ފަށާފައިވާ އިރު، މުބާރާތުގެ ފޯރި ކުރިއަށްވުރެ ވެސް ބޮޑު ވެގެންދާނެކަން ޔަގީނެވެ. މިދިޔަ ފަހަރު މުބާރާތުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ މޮޅު ރެފްރީ ހޮވާފައިވާ އިރު، އެ މަގާމު ލިބުނީ އަހުމަދު މުނީރަށެވެ.
މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.