ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން، ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފޯނު ހިފަހައްޓައިފިއެވެ.
އަލްހާންގެ ހިއްސާ އޮންނަ ކިންގްސް ކުންފުނި ހިންގި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އަލްހާނަށް ފޮނުވި ޗިޓުގައި ފުލުހުން ބުނެފައިވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އަލްހާން ވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށްވެސް ފޮނުވައިފައެވެ.
އަލްހާން "ވަން" މިރޭ ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ފުލުހުން ކޯޓު އަމުރެއް ދަށުން މިއަދު ކިންގްސް ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އަލްހާން ވިދާޅުވީ ކިންގްސް އޮފީސްގެ އިމާރާތް ބަލައި ފާސްކުރުމުގެ ތެރެއިން ފުލުހުން ގާނޫނާހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.
"ފުލުހުން އަމުރު ހިފައިގެން އައީ އޮފީސް ބަލައި ފާސްކުރަން އަދި އަޅުގަނޑުގެ ފޯނު ހިފަހައްޓަން. ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން އަޅުގަނޑުވާނެ އޮފީސް ބައި ދައްކާފައި، އެކަމަކު ފުލުހުން ވަނީ މުޅި ގެ ބަލައި ފާސްކޮށްފައި. ކޯޓު އަމުރެއްގެ ދަށުން އަޅުގަނޑުގެ މުދަލެއް ހިފަހައްޓަން އަމުރު ދައްކާފައި އަޅުގަނޑު ބަލައިފާސްވެސް ކުރި،" އަލްހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން އެގޮތަށް އަމަލުކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރުތައް މާދަމާ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބު ދީފައެއް ނުވެއެވެ.