ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީއާ މައްސަލަތަކެއް ޖެހި ކްލަބު ދޫކޮށްލަން ބޭނުންވި ބެލްޖިއަމްގެ ވިންގާ، ލިއޭންޑްރޯ ޓްރޮސާޑް އާސެނަލަށް ދާން އެއްބަސްވެއްޖެއެވެ.

އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި، އާސެނަލުން ޓްރޮސާޑް ގެންދަން އެއްބަސްވެފައި ވަނީ 21 މިލިއަން ޕައުންޑްގެ ފީއެއްގައެވެ. އޭގެ އިތުރުން ބޯނަސްގެ ގޮތުގައި އާސެނަލުން އަދަދެއް ދައްކާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ޓްރޮސާޑްގެ އާޖެންޓް ދާދިފަހުން ބުނެފައި ވަނީ، އުމުރުން 28 އަހަރުގެ ވިންގާ، ބްރައިޓަނާ ފަހުން ހަވާލުވި ކޯޗު ޒާބީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އެބައޮތް ކަމަށާއި ކްލަބު ދޫކޮށްލަން ބޭނުންވެފައި ހުރި ކަމަށެވެ. ބެލެވޭ ގޮތުގައި ޓްރޮސާޑް އާ ކޯޗާ މައްސަލަ ޖެހުނީ ޓީމު ސެލެކްޝަންގެ ތެރެއިން ޖެހުނު މައްސަލަތަކެއްގެ ތެރޭގައެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވީ، ހުއްދަނެތި ތަމްރީނުތައް ދޫކޮށް ދިޔުމުން ކަމަށް ނޫސްތައް ބުނެފައިވެއެވެ.

އާސެނަލުން ޓްރޮސާޑް ގެންދަން މަސައްކަތް ފެށީ، ޝަކްތާ ޑޮނެސްކަށް ކުޅެމުން ދިޔަ ޔުކްރެއިންގެ ވިންގް، މައިހައިލޯ މުޑްރީކް ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މުޑްރީކް އާސެނަލަށް ދާން އެއްބަސްވެފައިވެސް ފަހުވަގުތު ދިޔައީ ޗެލްސީއަށެވެ.

ޓްރޮސާޑަކީ މި ސީޒަނުގައި އެންމެ ފޯމު ރަނގަޅުކޮށް ހުރި އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި ސީޒަނުގައި ބްރައިޓަނަށް ލީގުގައި ހަތް ގޯލް ޖަހައިދީ، ތިން އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.

ޓްރޮސާޑްގެ ކުޅުން ސީޒަނުގައި އެންމެ ފާހަގަކޮށްލެވުނީ ލިވަޕޫލާ ދެކޮޅަށް ބްރައިޓަނުން ލީގުގައި ކުޅުނު މެޗުގައެވެ. އެ މެޗު 3-3 އިން އެއްވަރުވެފައިވާ އިރު، މެޗުގައި ޓްރޮސާޑް ވަނީ ބްރައިޓަނަށް ހެޓްރިކް ހަދައިދީފައެވެ.