ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއެކީ މަގުމަތީ ހޭދަ ކުރި މީހުން ދުލެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިމަހުގެ 28 ވަނަ ދުވަަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ މެންބަރުން މަގުމަތީގައި ހަތް އަހަރު ހޭދަކޮށް އަނިޔާވެރި ދުވަސްތަކެއް ތަހައްމަލް ކޮށްފައިވާ ކަމަށެވެ. އެ އަނިޔާވެރިކަމުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ހުކުމެއް ނެތި ކުޑަ ގޮޅީގައި އެތައް ދުވަހެއް ހޭދަ ކުރަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

"އެ އިހުސާސްތައް އަޅުގަނޑުގެ އެބަހުރި. އެ އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ. އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމުގައި އެމްޑީޕީގެ ލީޑަޝިޕްގެ އެތައް ބަޔަކު ޖަލަށްލި ކަމަށެވެ. ނަމަވެސް ވަރަށް ހާލުގައި އުޅުމަށް ފަހު، އަމާން ބަނދަރަކަށް އާދެވިފައިވާ ކަމަށާއި އަނެއްކާވެސް ނިންމަން ޖެހޭނީ އެ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނުވަތަ ތަރައްގީއައިގެން ކުރިޔަށް ދާނީތޯ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕްރައިމަރީން ބަލިވެ، އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ގެއްލިއްޖެނަމަ އަލުން އެ އަނިޔާވެރިކަމަށް ދާން ޖެހިދާނެ ކަމަށާއި އެގޮތް އެމްޑީޕީގެ މެންބަރުންނަށް ވާން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސާ ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިފަހަކަށް އައިސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. ކުރީގެ ރައީސް ޔާމީންގެ ބައެއް ސިޔާސަތުތަކަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވައިފައެވެ.