އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓަލް ޕެލެސްއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޕެލެސް ދަނޑުގައި ރޭ ކުޅުނު މެޗުން އެއްވަރުވެ، ޔުނައިޓެޑްގެ މޮޅުވުމުގެ ސިލްސިލާއަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. ޖެހިޖެހިގެން 10 ވަނަ މެޗަކުން މޮޅުވުމަށް ރޭގެ މެޗަށް ނުކުތް ޔުނައިޓެޑަށް ރޭގެ މެޗުން ޕޮއިންޓެއް ލިބުމާއެކު ތާވަލުގެ ދެވަނައަށް ޖެހިލަން އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން ހޯދި 39 ޕޮއިންޓާއެކު ޔުނައިޓެޑް މި ވަގުތު ތާވަލުގެ ތިންވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އޮތީ 18 މެޗުން 39 ޕޮއިންޓާ އެކުގައެވެ. އާސެނަލް އެއްވަނައިގައި 18 މެޗުން 47 ޕޮއިންޓާއެކު އޮތްއިރު، ހަތަރު ވަނައިގައި އޮތް ނިއުކާސަލް އޮތީ 19 މެޗުން 38 ޕޮއިންޓާއެކު ޔުނައިޓެޑާ ޕޮއިންޓެއްގެ ފަރަގެއްގައެވެ.

ތާވަލުގެ 12 ވަނައިގައި އޮތް ޕެލެސްއާ ދެކޮޅަށް ރޭ ޔުނައިޓެޑުން ކުޅުނު މެޗުގެ ފުރަތަމަ 11 އަށް އަލަށް ޓީމަށް ގެންދިޔަ ނެދަލޭންޑްސްގެ ފޯވަޑް ވޯޓް ވެގޯސްޓް ނެރެފައިވެއެވެ. ފުރަތަމަ ކޮޅުގައި އެޓޭކިން ނުރައްކާ ޓީމެއްގެ ގޮތުގައިވެސް ޔުނައިޓެޑް ބޮޑަށް ފާހަގަވެގެން ދިޔަ އިރު، މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، 43 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގިއެވެ.

އެ ގޯލަކީ އަރިމަތިން އޭރިއާ ތެރެއަށް ވަދެ، ކްރިސްޓިއަން އެރިކްސަން ހުރަސް ކޮށްލި ބޯޅައެއްގައި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލެކެވެ.

ފުރަތަމަ ހާފްގައި ޕެލެސްގެ އެންމެ ރަނގަޅު ހަމަލާއެއް ފެނިގެން ދިޔައީ އޮޑްސޯނޭ އެޑުއާޑްގެ ފަރާތުންނެވެ. އޭނާގެ ބާރު ހަމަލައި، ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ޕަންޗުކޮށް ދަނޑިއަށް އަމާޒުކޮށްލި އިރު، ދެވަނަ ހާފްގައި މާކް ގުއޭހީ ބޮލުން ޖެހި ބޯޅަވެސް މަތަކޮށް ބޭރުކޮށްލީ ޑެހެއާއެވެ.

ޕެލެސްގެ ގޯލް ފެނިގެން ދިޔައީ މެޗުގެ ފަހު ވަގުތުގައެވެ. އެ ގޯލަކީ މައިކަލް އޮލިސޭގެ ހިތްގައިމު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ގޯލެކެވެ. ދުރުން ފޮނުވާލި ބާރު ހިލޭ ޖެހުން ގޯލަށް ވަނީ މަތީ ދަނޑީގައިވެސް ޖެހިފައެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ކަސެމީރޯއަށް ރެފްރީ ދެއްކި ރީނދޫ ކާޑާއެކު ލީގުގެ ފަސް މެޗެއްގައި ކާޑު ދެއްކުމުން، ޔުނައިޓެޑުން ކުރިއަށް ކުޅެން އޮތް އާސެނަލް މެޗަށް އޭނާ ވަނީ ސަސްޕެންޑް ވެފައެވެ. ރޭގެ މެޗަށްފަހު ކޯޗު އެރިކް ޓެން ހާގު ބުނީ ކަސެމީރޯ ނެތިވެސް އާސެނަލް ބަލިކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެއީ މާޔޫސްވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.