މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ފަހު ކޮޅުގައި ޔުވެންޓަސް ދޫކޮށްލި، އެ ކްލަބުގެ ކުރީގެ ޗެއާމަން އަންދްރޭ އަގްނޭލީ ކްލަބަށް އަލްވަދާއު ކިޔައި ހާއްސަ އިންޓަވިއުއެއް ދީފިއެވެ.
އިޓަލީގެ އެންމެ ތާރީހީ، އަދި އެންމެ ކާމިޔާބު ކްލަބު ޔުވެންޓަސްގެ މުޅި ބޯޑު، އެ ކްލަބުގެ ޗެއާމަން އަގްނޭލީއާއެކު މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު ވަނީ އިސްތިއުފާ ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ކްލަބުގެ ބޯޑު އިސްތިއުފާ ދިނީ ރެކޯޑު ގެއްލުމެއް މިދިޔަ ސީޒަނުގައި އެކްލަބަށް ވުމާއެކުގައެވެ. އިޓަލީ ލީގުގެ އެންމެ ކާމިޔާބު ޓީމު ޔުވެންޓަސް، މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ހަތަރު ވަނައިގައެވެ. އަދި ކްލަބަށް ވަނީ ރެކޯޑު 220 މިލިއަން ޕައުންޑްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ޔުވެންޓަސްއިން ބުނެފައި ވަނީ ޓްރާންސްފާތަކުގެ ފައިސާގެ މައްސަލަތަކެއްގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަކަށް އެއްބާރުލުން ދޭން ކްލަބުން ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގުތައް ހިނގަމުން ދަނީ ކުޅުންތެރިންގެ އިމޭޖް ރައިޓް ފަދަ ކަންކަމުގެ ރެޖިސްޓްރޭޝަންތަކުގައި ބޮޑެތި ފައިސާގެ އިހުމާލުތަކެއް ހިންގާފައިވާތީއެވެ. އެ މައްސަލަތައް ހިންގާފައި ވަނީ 2019 ވަނަ އަހަރުން 2021 ވަނަ އަހަރާ ދެމެދު ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޔޫރަޕްގެ އެންމެ ވަރުގަދަ އެއް އިންގިލާބީ ޕްރޮޖެކްޓްގެ ގޮތުގައި 2021 ވަނަ އަހަރު ވުޖޫދުވެގެން އައި ޔޫރަޕިއަން ސުޕަ ލީގުގެ އިސް މޭސްތެރިއެއްގެ ގޮތުގައި އަގްނޭލީ ފާހަގަވެފައިވާ އިރު، އޭނާ ޔުވެންޓަސްއާ އަލް ވަދާއުކިޔުމުގެ ގޮތުން ބުނީ ޔޫރަޕްގެ ފުޓުބޯޅައަށް އާ ނިޒާމެއް ބޭނުންވާ ކަމަށެވެ.
"ޔޫރަޕްގެ ފުޓުބޯޅައަށް އާ ނިޒާމެއް ބޭނުންވޭ. ނޫންނަމަ ޔޫރަޕްގެ އެއް ލީގު މާ ބޮޑަށް ވަރުގަދަވެ، އެ ލީގަށް ހުރިހާ ތަރިން ގޮސް، އެހެން ހުރިހާ ލީގުގެ މަގުބޫލުކަން ގެއްލިދާނެ. މިހާރުވެސް މިސްރާބު ހުރީ އެކަހަލަ ގޮތަކަށް،" އަގްނޭލީ ބުންޏެވެ.
އަގްނޭލީ އާއި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްވެ، އިއުލާންކުރި ސުޕަ ލީގުގައި 12 ޓީމެއް ހިމަނައި 2021 ވަނަ އަހަރު އޭޕްރީލް މަހު އިއުލާން ކުރީ ޔޫއެފާއިން ވަކިވުމުގެ ވިސްނުމެއްގައެވެ. އެ ލީގަށް ނަފުރަތު އުފެދި ކްލަބުތަކާ ދެކޮޅަށް ސަޕޯޓަރުން ހަޅުތާލުކޮށް، 72 ގަޑިއިރު ތެރޭގައި ލީގު ވަނީ ފުނޑިގެން ގޮސްފައެވެ.
"އަހަރެން ޔޫރަޕްގެ ކްލަބު އެސޯސިއޭޝަންގެ ރައީސަކަށް ހުރިއިރު ބެލި ތަފާސް ހިސާބުތަކުން އެކަން ސާފުވާނެ. މި ދައްކާ ވާހަކަ ސާފުވާނެ. ލީގުތައް ބަލިކަށިވެ، ކްލަބުތަކަށް އެކަމުގެ މާލީ ގެއްލުންތައް ދަނީ ފޯރަމުން އެ ހާލަތަށް ދިޔުމުން ސަޕޯޓަރުން އެ ކްލަބަށް ދޭ ލޯބި ކުޑަވާނެ. އަހަރެން އަމިއްލަ ނަފްސު ގަބޫލުކުރާ ގޮތުގައި 2021 ވަނަ އަހަރު އޭޕްރީލް މަހު ސުޕަ ލީގު ހުއްޓުވާލި ނިންމުމަކީ ގޯސް ނިންމުމެއް،" އަގްނޭލީ ބުންޏެވެ.
އިއްޔެ އާ ބޯޑާ ވާހަކަ ދައްކަމުން އަގްނޭލީ ވަނީ އޭނާއާއެކު ސުޕަ ލީގުގެ ވިސްނުމުގައި ތިބި ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ޝުކުރު އަދާކޮށް އާ ބޯޑަށް މަރުހަބާ ކިޔައިފައެވެ.
އަގްނޭލީ އާއި ޔުވެންޓަސްގެ ބޯޑުގެ މައްސަލަތައް އިޓަލީގެ ފުޓުބޯޅަ އިދާރާއިން ބަލަމުންދާ އިރު، އެ މައްސަލަތައް ބަލަން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށްވެސް އަގްނޭލީ އިއްޔެ ފާހަގަކުރިއެވެ.
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް