ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއެކު ފުރިހަމަވާނީ ބިރުންހުރި އިގުތިސޯދެއްގެ ފުރިހަމަ މޮޑެލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ ބޮޑުއުތުރާއި މުޅި ބޮޑުތިލަދުންމައްޗަށް ތާރީހުގައިވެސް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށެވެ. މިއަދަކީ ތިލަދުންމައްޗާއި މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއް ކަމަށާއި ހަނިމާދޫ އާއި ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނު ދުވަހެއް ކަމަށެވެ.

"މި އެއާޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާއި މި އުތުރުގެ ރައްޔިތުން ފަހުރުވެރިވާނެފަދަ ޒަމާނީ އެއާޕޯޓަކަށް. މި އެއާޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަހައްދުގެ އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެ،" ރައީސް ވިދާޅުވިއެވެ.

އެއާޕޯޓް ނިމުމާއެކު އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި އިގުތިސޯދީ މަސައްކަތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް ނިމުމުން އިގުތިސޯދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެކަން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށާއި ބައިނަލްއަގުވާމީ އެއާޕޯޓަކީ ތަރައްގީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން ސާބިތުވެފައިވާ ކަމަށެވެ. އޭގެ ދިރިދިރި އޮތް މިސާލަކީ މާލެ ސަރަހައްދުގައި އޮތް ހުޅުލެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އާރުޓީއެލް ހިދުމަތާއި ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއެކު ފުރިހަމަވާނީ ބިރުންހުރި އިގުތިސޯދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ މިދާ މަގުން ގޮސް މަގުމަތި ނުވެ، މާދަމާ މުޅި ރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ އުތުރަށް ޖެހެން މި ފެށީ ބޮޑު ބަދަލުގެ ހެޔޮ ރޯޅި ކަމަށެވެ. މި ބަދަލު ގެނެވެނީ ވަކި ހާއްސަ ކަންތައްތަކެއް، ވަކިގޮތަކަށް ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުޅުދުއްފުށީގައި ޓާޝަރީ ސިއްހީ ހިދުމަތް ގާއިމުކުރުމަކީ އެ ބަދަލަށްޓަކައި ކުރާ ކަމެއް ކަމަށާއި މިއަދު އަމަލީ މަސައްކަތް ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ނިމުމުން، ބޮޑުތިލަދުންމަތި ވެގެންދާނީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ، މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީއަކަށް ކަމަށެވެ. އަދި ޓޫރިޒަމް ތަރައްގީ ކުރަން ނަލަ ރީތި ގިނަ ރަށްތަކެއް އޮންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތިލަދުންމަތީގެ ކޮންމެ ރަށަކީވެސް ޓޫރިޒަމް ނުވަތަ ދަނޑުވެރިކަން ނުވަތަ އިގުތިސޯދީ އެހެނިހެން ކަންކަމަށް ތައްޔާރުވެފައި އޮންނާނެ ރަށެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.