Close
ޚަބަރު

އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަންކަން މި ސަރުކާރުން ދަނީ ކުރަމުން: ފައްޔާޒު

މުހައްމަދު އިޝާން

ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކުރެނު ކަންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ ކުރަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ރައީސް ސޯލިހު ކުރައްވާފައި ކަމަށެވެ. އެގޮތުން ބޮޑުތިލަދުންމަތިން ޓޫރިސްޓެއްގެ އަތުން ނަގަމުން އައި އަށް ޑޮލަރު ހަތަރު ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ބޮޑުތިލަދުންމަތީގައި ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ނިންމުމަށް އެންމެ މުހިންމު ކަމަކީ ހަނިމާދޫ އެއާޕޯޓަށް ގިނަ އަދަދެއްގެ ފްލައިޓް ޖެއްސޭނެ ގޮތް މަގުފަހިކުރުން ކަމަށެވެ. ނަމަވެސް އެއީ ރިސްކު ބޮޑު ކަމަކަށްވުމުން އެ ރިސްކު ނަގަން އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމަށް ވިދާޅުވިއެވެ.

"އެ ރިސްކު ނަގަން ޖެހޭނީ ސަރުކާރަކުން. ސަރުކާރުން ދަރަންޏަށް ފައިސާ ހޯދައިގެންވެސް އެކަން ކުރަން ޖެހެނީ މި 8،000 އެދުވެސް މިތާ ހެދުމަށްޓަކާ. އެހެންވީމާ އެކަން ރައީސުލްޖުމްހޫރިއްޔާ މި ވަނީ ކުރައްވާފައި،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ މީގެ އެތައް ގަރުނުތަކެއް އެއްކޮށްލީމައިވެސް ނާންނަހާ ގިނަ މަސައްކަތްތަކެއް ކަމަށެވެ. އަދި ރައީސް ސޯލިހު ތަރައްގީ ކުރައްވަނީ އިގުތިސޯދީ ދާއިރާ އެކަނި ނޫން ކަމަށާއި އިޖުތިމާއީ އަދި އުމްރާނީ ދާއިރާއިންވެސް ރާއްޖެ ތަރައްގީކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށްޓަކައި އެއްވެސް ސަރުކާރަކަށް ކުރަން ނުކުރެނު ކަންތައް، ދަރަނި ނަގައިގެން ކުރަމުން މިދަނީ" ފައްޔާޒު ވިދާޅުވިއެވެ.