މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 90 ޕަސެންޓް މަޝްރޫއުތައް މިއަހަރުގެ މެދު ތެރޭގައި ނިންމައި، ހިދުމަތް ދެވޭނެ ކަމަށް ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނުގައި އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހދ. ކުރިނބީއަށް ވަޑައިގެން އެރަށުގައި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓު މަސައްކަތް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނިމި ހިދުމަތް ދެވޭނެ ވަރު ވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުދި ރަށްރަށް ބާކީނުކޮށް، ބޮޑެތި ރަށްތައްވެސް ތަރައްގީ ކުރާ ފަދައިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްވެފައި ހުންނާނެ ކަމަށާއި ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ ރައްޔިތު މީހާ ގައިން ތާހިރުވެގެން ކަމަށެވެ.
ރައީސް ވަނީ، މިހާރު ކުރިއަށްގެންދާ މަސަައްކަތްތައް ހުއްޓުމަކަށް ގެންނާނީތޯ ނޫނީ އަނެއްކާވެސް އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް އެނބުރި ދާނީތޯ ސުވާލު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު