ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި, މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިންކަމުގެ ދައުވާގެ މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ، މިއަދު 1:00 އަށެވެ.
ނަމަވެސް މާފުށީ ޖަލަށް ވަޑައިގެން، މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމާ ބައްދަލު ކުރެއްވުމަށް ވަރަށް އުނދަގުލުން ފުރުސަތެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ކުރިމިނަލް ކޯޓަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން މިއަދު ބާއްވަން އޮތް އަޑުއެހުން އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހަށް ވަނީ ރީޝެޑިއުލް ކޮށްފައެވެ.
މުއިއްޒު، ރައީސް ޔާމީިނާ ބައްދަލު ކުރެއްވީ މިއަދު 1:30 ގައެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަ އާއި އެރަށް ދޫ ކުރުމުގައި ރިޝްވަތު ހިފާފައިވާ މައްސަލައިގައި މާފުށީ ޖަލުގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޑރ. މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިޔަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ، ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާތަކެއް އިމާރާތް ކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ދެއްވާފައިވާކަމުގެ ތުހުމަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު