ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ހުން ސެން އަށާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ހުން ސެން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނަމަވެސް ރަސްމީ މަރުހަބާ ދެންނެވުން އޮތީ އިއްޔެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

ރަސްމީ މަރުހަބާއަށް ފަހުގައި، ރައީސް ސޯލިހާއި ހުން ސެން ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ކެމްބޯޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދި ދެބޭފުޅުން ގުޅިފައިވާ ބަޔާނެއްވެސް ދެއްވިއެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ.