ރާއްޖެއާއި ކެންބޯޑިއާ ދެމެދު ހަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކެންބޯޑިއާގެ ބޮޑުވަޒީރު، ސަމާޑެކް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެންއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ދެމެދުގައި ދަތުރުކުރެވޭނެ އެއްބަސްވުމަކާއެކު ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އިގްތިސޯދީ ތަރައްގީގެ ދާއިރާއިން ޖުމުލަ ހަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، ދެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ މެދުގައިވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކެމްބޯޑިއާއެކުގައި އޮތް ގުޅުން ދިރުވައި އާލާކޮށް ހަރުދަނާކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެ ގައުމާއެކު މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން، ދެ ގައުމުގެ މުސްތަގުބަލަށް އުޖާލާކަން ގެނުވައިދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ ގޮތާއި ބަދަހިކަން އިތުރުކުރުމަށް އެޅިގެންދިޔަ ބިންގަލެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ އިތުރުން އިގުތިސޯދީ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތު ފަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
"ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ރާއްޖެއަށް އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން ޒުވާރިއާއި މިރުހާއި ދަނޑިއަލުއްވާއި ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. ހަމައެފަދައިން، ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި ދަތުރުފަތުރާ ގުޅުންހުރި މުދަލާއި ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރިން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުންވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކެމްބޯޑިއާގެ ރައްޔިތުން ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށާާއި އެ މަޝްވަރާގެ ތެރެއިން، ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ ތަފާތު ރިޒޯޓްތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުސަތު ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ކޯސްޓްގާޑުން މި އަހަރު ހިންގާ ބޭސިކް ޑައިވް ކޯހުގައި ކެމްބޯޑިއާގެ ސިފައިންގެ އޮފިސަރުން ބައިވެރިވުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރުމުގެ ދެ ސްކޮލާޝިޕް ފުރުސަތު ކެމްބޯޑިއާއަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު