ސައުދީ އަރަބިއާގައި ރޭ ކުޅުނު ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ތަށި އުފުލާލައިފިއެވެ.
މިދިޔަ ފަސް އަހަރު ތެރޭގައި ބާސާއިން ފުރަތަމަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސައުދީގެ ކިންގް ފަހުދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބާސާގެ ތަރިއަކަށްވީ އުމުރުން 18 އަހަރުގެ ގަވީއެވެ. ރޭގެ ތައްޓަކީ ބާސާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް، އެ ކްލަބާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ތައްޓެވެ.
ލަލީގާގެ އެއްވަނައިގައި މި ވަގުތު އޮތް ބާސާއިން ރޭގެ މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، މެޗުގެ ކުރީކޮޅުގައި ގަވީ ބާސާއަށް ލީޑު ނަގައިދިނެވެ. ގަވީގެ އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ރޮބާޓް ލެވަންޑޯސްކީއެވެ.
ބާސާއިން ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ. ލެވަންޑޯސްކީގެ ބޯޅަކުން ގަވީ އެ ގޯލު ޖަހައިދިން އިރު، މެޗުގެ 69 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ގޯލު ޖެހީ ޕެޑްރީއެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ގަވީއެވެ.
ރެއާލުން ޖެހި ހަމައެކަނި ގޯލް، މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ ކަރިމް ބެންޒެމާއެވެ.
ބާސާއިން ރޭގެ މެޗުގައި މޮޅަށް ކުޅެ، އިތުރު ހަމަލާތައްވެސް އުފެއްދިއެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ރަނގަޅު ސޭވްތަކެއް ކުރި ތީބޯ ކޯޓުއާއެވެ. ލެވަންޑޯސްކީގެ ހަމަލާ ކޯޓުއާ މަތަކުރުމުން ދަނޑީގައި ޖެހި ބޭރަށް ދިޔަ އިރު، އުސްމާން ޑެމްބޭލޭގެ ބާރު ހަމަލާ ފައިން މަތަކުރީވެސް ކޯޓުއާއެވެ.
ރޭގެ މެޗުގައި ބާސާއަށް ގޯލް ޖަހައިދިން ގަވީ ވެފައި ވަނީ ސުޕަ ކަޕްގައި ގޯލް ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއަށެވެ. އެ ރެކޯޑު ކުރިން އޮތީ ރޭގެ މެޗުގައި ބާސާއަށް އިރުޝާދު ދިން ޒަވީ އަތުގައެވެ.
ސްޕެއިންގެ ސުޕަ ކަޕް މުބާރާތަކީ ހަތަރު ޓީމު ވާދަކުރާ އުސޫލެއް އޮންނަ މުބާރާތެކެވެ. 1982 ވަނަ އަހަރު ފުރަތަމަ ދެ ޓީމުގެ މުބާރާތެއް ގޮތުގައި ސުޕަ ކަޕް ފެށި ނަމަވެސް، ފަހުން ވަނީ ހަތަރު ޓީމުގެ މުބާރާތަކަށް އެ މުބާރާތް ބަދަލު ކޮށްފައެވެ. އެއީ ލަލީގާގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ކޮޕާ ޑެލް ރޭގެ ޗެމްޕިއަން، އަދި ރަނަރަޕް ޓީމު ވާދަކުރާ މުބާރާތަކަށެވެ.
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް