އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ނޯތު ލަންޑަން ޑާބީން އާސެނަލް ހޯދި މޮޅާއެކު އެޓީމު މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑެއްގައެވެ. ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އާސެނަލް މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ 18 މެޗުން 47 ޕޮއިންޓް ލިބިފައެވެ.

ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިހާތަނަށް ކުޅުނު 18 މެޗުން އެޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. ސިޓީން މި ހަފުތާގައި ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބަލިވެފައިވާ އިރު، ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެއީ 18 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓު ހޯދައިފައިވާ ނިއުކާސަލްއެވެ.

ރަނގަޅު ފޯމެއްގައި މިރޭގެ މެޗު ފެށި އާސެނަލުން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި އާސެނަލުން ލީޑު ނެގީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ހެދުނު ގޯހަކުންނެވެ. ބުކަޔޯ ސަކާ އަރިމަތިން ވަދެ ހުރަސް ކުރަން މަސައްކަތް ކުރި ބޯޅަ ޓޮޓެންހަމްގެ ޑިފެންޑަރު ފައިގައި ޖެހި ގޯލަށް ވަނީ ލޮރިސް އަތު ތެރެއިންނެވެ.

ހާފުގެ ކުރީކޮޅުގައި އެޑްވާޑް އެންކެޓިއާގެ އިތުރު ހަމަލާއެއް ފެނިގެން ދިޔަ އިރު، އެ ހަމަލާ މަތަކުރީ ލޮރިސްއެވެ. އޭގެ އިތުރުންވެސް އާސެނަލުން ނުރައްކާ ކުރަމުން ދިޔަ އިރު، ހާފު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، އެޓީމުން ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ ސަކާ އަރިމަތިން ދިން ބޯޅައިގައި، އޭރިއާ ބޭރުން މާޓެން އޮޑެގާޑު ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޓޮޓެންހަމުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދި އިރު، ހެރީ ކޭންއާއި ރަޔާން ސެސެޔޯން ޖެހި ބޯޅަތައް މަތަކުރީ އާސެނަލްގެ ގޯލްކީޕަރު އޭރޮން ރެމްސްޑޭލްއެވެ. އޭގެ އިތުރުން ހިއުން-މިން ސޮން ޖެހި ބޯޅަވެސް ހުޝިޔާރުކަމާއެކު މަތަކުރީ ރެމްސްޑޭލްއެވެ.

މެޗުގެ ފަހުކޮޅުގައި ޓޮޓެންހަމް ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އާސެނަލުން ވަނީ އެޓީމުގެ ކްލީންޝީޓް ދަމަހައްޓައި، މުހިއްމު ތިން ޕޮއިންޓް ހޯދައިފައެވެ.

މެޗުން ބަލިވެ، ޓޮޓެންހަމް ތާވަލުގެ ފަސްވަނައިގައި އޮތީ 19 މެޗުން 33 ޕޮއިންޓާއެކުގައެވެ.