ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕެވުމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ވ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފުލިދުއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ވެރިއެއް ވަށައި އެނބުރެން ފަށައި "ރައީސުލްޖުމްހޫރިއްޔާ ޒިންދާބާދު" ގޮވަންވެއްޖެއްޔާ އެ ދެވެނީ ހަރާބުގެ މަގަށް ކަމަށާއި ފައިދާ ލިބެން އޮތީ ދެ ފުށް ފެންނަ ނިޒާމަކުންނާއި މިނިވަންކަމާއެކު ހިޔާލުފާޅު ކުރެވޭނެ ނިޒާމަކުން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވާށޭ، އަޅުގަނޑުގެ އަތުގައި ހިއްޕަވަން ވަޑައިގަންނަވާށޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއީ 2023 ވަނަ އަހަރު ކަމަށާއި ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމަކުން ވެރިކަން ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އަނބުރާ "މައުމޫނީ ފިކުރަކަށް" ނުދެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މިހާރު ބިރު ނުދެއްކޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގެސްޓްހައުސްގެ ސިޔާސަތު ފަށަން އުޅުމުން އެކަމާ ދެކޮޅު ހެދި ބަޔަކު ތިބި ކަމަށާއި ނަމަވެސް މިއަދު ރަށްރަށުގައި ގެސްޓްހައުސްތައް ހެދި، ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިންކަން އިތުރުވެފައިވާ ކަމަށެވެ. އަދި ގެސްޓްހައުސްއަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ކަންބޮޑު ވެވަޑައިގަންނަވަނީ އެމްޑީޕީގެ ސިޔާސަތުތައް ދޫކުރައްވައި އެ ތަންފީޒު ނުކުރުމަށް ބަޔަކު އުޅެމުންދާތީ ކަމަށެވެ. އަދި ސަރުކާރުގައި އެހެން ޕާޓީތައް ގިނަ ކަމަށާއި ސަރުކާރުގެ 60 ޕަސަންޓަކީ އެމްޑީޕީގެ ސިޔާސަތަށް ތާއިދުކުރާ ޕާޓީތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.