މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ދުވަހުއެވެ. އެ މަޝްރޫއުގެ އަގަކީ 22.14 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން މިއަދު ބުނީ، ދަރަވަންދޫއަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށާއި އެރަށުގެ ރީތި ވެލިގަނޑުވެސް ގިރައިގެން ގޮސް ހުސްވެފައިވާ ކަމަށެވެ. އަދި ދަރަވަންދޫގެ އާބާދީގެ ގިނަ މީހުންނަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ މީހުން ކަމަށާއި އެރަށުގައި މިހާރުވެސް 14 ގެސްޓްހައުސެއް ހިންގަމުންދާ ކަމަށެވެ.
"ރަށް ގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަން ވަނީ ފަތުރުވެރިކަމަށް ވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ. ވީމާ، މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން ދަރަވަންދޫ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު މިވަނީ ހިމާޔަތްކުރެވިފައެވެ. މިއީ ހަމަގައިމުވެސް ދަރަވަންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި މި ކުންފުނިން ދެކެމެވެ..،" އެމްޓީސީސީން ބުންޏެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި، 490 މީޓަރުގެ ބޭރުތޮށިލުމާއި، 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.
ވޭތުވެދިޔަ 42 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު