އެތައް މަޝްރޫއެއް ނިމިފައިވާ ކަމަށާއި ނިމިފައިވާ ކަންކަމުގެ ލިސްޓު މާ ދިގު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނާއެކު ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް މިއަދު ދެއްވައިފިއެވެ.

ނަޝީދު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވަނީ މި ސަރުކާރުގެ ޝިއާރަކީ ތަރައްގީ "އަންނަނީ، އަންނަނީ" ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ ބާރު ދުވެލީގެ ތަރައްގީ ކަމަށާއި ނަމަވެސް ސަރުކާރުގެ ތަރައްގީ އަދިވެސް އޮތީ "އަންނަނީ އަންނަނީ" ގައި ކަމަށެވެ.

އެ ވާހަކަތަކަށް ރައީސް ރައްދު ދެއްވީ އައްޑޫ ސިޓީގެ މީދުއަށް ކެމްޕޭނަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ "މީދޫ ދާއިރާ، ހުޅުމީދުއަށް ބެލިޔަސް އަޅުގަނޑުމެން ބުނަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ" ކަމަށެވެ. ރައީސް ވިދާޅުވީ، މީދޫއާއި ހުޅުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ޓޫރިޒަމް ޒޯންގެ މަސައްކަތާއި ހުޅުމީދޫ ބޮޑު މަގުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި އިޖުތިމާއީ މަރުކަޒުގެ މަސައްކަތް މިހާރު ޓެންޑާ ކޮށްފައިވާ ކަމަށެވެ. އަދި ފުޓުބޯޅަ ދަނޑާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން މިހެން ގޮސް ނިމިއްޖެ، ނިމއްޖެ ކިޔަން ވެއްޖެއްޔާ އަޅުގަނޑަށް މިތާ ހުރެ ދިގު ލިސްޓެއް ކީދާނެ. އަޅުގަނޑުމެން ވިސްނަންވީ ދެން ހުރި ކަންކަން އަނެއްކާވެސް ނިންމަން. އެކަންތައްވެސް ނިންމޭނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނާ މީދޫ އަދި ހުޅުމީދޫ ބައެއް ރައްޔިތުން ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ދެ ރަށުގެ ރައްޔިތުން ތަރައްގީއަށް ބޭނުންވާ ކަންކަން އެމަނިކުފާނަށް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން މިހާރުން މިހާރަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެކަންކަން ނިންމަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީދޫ މަސްވެރިން އެމަނިކިފާނަށް ދެންނެވީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް އަޅައިދިނުމަށް ކަމަށާއި އެކަން ދާދި އަވަހަށް ސަރުކާރުންކޮށް ނިންމާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްމަހެލެހެރަ އާއި މީދުއާ ދެމެދު އޮތް ތަން ފުންކޮށް، އެ ތަން ފަސޭހައިން ބޭނުންކުރެވޭނެ ގޮތެއް ހޯދައިދޭން އެދިފައިވާތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ދެން އެމަނިކުފާށް ހުށަހެޅީ ގޯތި ހޯދުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކަތައް ކަމަށާއި އެކަންތައް ހައްލުކުރުމާ ގުޅޭގޮތުން މިހާރު އައްޑޫ މޭޔާރާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.