ޚަބަރު

ރިޔާސީ އިންތިހާބަށް 600 ވޯޓުފޮށި ބަހައްޓަންޖެހޭނެ: އީސީ

އިބްރާހިމް ޒަކީ

މި އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އެކި ސަރަހައްދުތަކުގައި 600 ވޯޓުފޮށި ބަހައްޓަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (ސީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބަށް އީސީން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް މެންހެޓަން ބިޒްނަސް ހޮޓަލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންނަށްވުރެ މި އަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވެ އެކި ސަރަހައްދުތަކުގައި ވޯޓު ފޮށިތައް ބަހައްޓަންޖެހޭ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މާލޭގައި 103 ވޯޓުފޮށި ބެހެއްޓި އިރު، މި އަހަރު 145 ވޯޓު ފޮށި ބަހައްޓަންޖެހޭ ކަމަށާއި ހުޅުމާލޭގައި 13 ފޮށި ބެހެއްޓި އިރު، މި ފަހަރު 47 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިލިމާލޭގައި އިތުރަށް ހަތަރު ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ސިޓީތަކާއި އަތޮޅުތަކުގައި މިފަހަރު 327 ފޮށި ބަހައްޓާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި މިފަހަރު 12 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ސިނާއީ ސަރަހައްދުތަކުގައި ފަސް ފޮށި އަދި ޖަލުތަކުގައި ހަތަރު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

ފުއާދު ވިދާޅުވީ، ވޯޓުލާން ރީ ރެޖިސްޓްރީ ކުރުމަށް ހުޅުވާލާ މުއްދަތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާ އަދަދުތަކަށް ބަލައި ވޯޓު ފޮށިތަކުގެ އަދަދުތަކަށް ބަދަލު އަތުވެދާނެ ކަމަށެވެ. އަދި ވޯޓު ފޮށި ބަހައްޓަން އެދޭ ރިސޯޓުތަކުގެ ތެރެއިން، ވޯޓުފޮށި ބަހައްޓާނީ ވޯޓުލާން ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާ މުއްދަތުގައި ކޮމިޝަނުން ކަނޑައަޅާ ސީލީންއަށް ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

އީސީން ބުނާ ގޮތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ސެޕްޓެމްބަރު ނުވައަކާ ހަމައަށް 280،000 އަށް އަރާނެއެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ބަލައި އިރު، 18 އަހަރު ފުރިގެން އިތުރުވި މީހުންނާއި އަދި ނިޔާވުމުގެ ސަބަބުން އުނިކުރި މީހުންގެ ތެރެއިން 2018 އާއި 2023 ގެ ފަރަގަކީ ގާތް ގަނޑަަކަށް 20،000 މީހުން ކަމަށްވެސް ބުންޏެވެ.