ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިފިނަމަ އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު, ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން އަސްލަމް "ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަންދާޒާއަކީ، އައްޑޫ ސިޓީގެ 60 ޕަސެންޓް ތާއީދު ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑީ ރައީސް ސޯލިހަށް ކަމަށާއި އެކަން އެގޮތަށް ވެއްޖެނަމަ ގިނަ ޕާޓީތަކުން އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ، އެމްޑީޕީއަކީ ބޮޑު ޕާޓީއެއް ނަމަވެސް، ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދަށް ކާމިޔާބީ ލިބިވަޑައިނުގެން، އަމިއްލަފުޅަށް ވެރިކަމަށް ކުރިމަތިލައްވައިފާނެތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، އެވަރު ބޮޑު ދެރައެއް ނަޝީދު އެމްޑީޕީއަށް ނުދެއްވާނެ ކަމަށެވެ.
"ނަޝީދު އެވަރު ދެރައެއް ޕާޓީއަށް ދީފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ނަޝީދު އަމިއްލައަށް ނުކުމެވަޑައިގެންފިނަމަ ވަރަށް ބޮޑަށް ޕާޓީ ބައިބައިވެ ރޫޅިގެންދާނެ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ތާރީހަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ ނަޝީދަކީ ބަލި ގަބޫލުކުރައްވައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ޕީޕީއެމުން އިސްވެ، އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކާއެކުގައި މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ޕީޕީއެމުން ރައީސް ޔާމީން ނޫން އެހެން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.