ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެ މަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ރައީސް އޮފީހުން ބުނީ، ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ރައީސް ސޯލިހާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެ ކަމަށެވެ.
ރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު