ބަޔަކު ރަހީނު ކުރި މައްސަލައަކާ ގުޅިގެން އިންޑިއާ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ހޯދަމުން އަންނަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ ޖާކިރް ހޮސެން (24އ) އެވެ.

ފުލުހުން މިއަދު ބުނީ ޖާކިރް ހޮސެން ހޯދަމުން އަންނަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ޖާކިރް ހޮސެން ހޯދަނީ ދައުލަތުން ދައުވާކުރާ، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ 11:00 އަށް ކްރިމިނަލް ކޯޓަށް ޖާކިރް ހާޒިރު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ޖާކިރް ހޮސެން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.