އޯގާވެރިކަމާއި ކުލުނާއި ހަމަހަމަކަމާއެކު އެންމެން މައްޗަށް ގާނޫނު ތަންފީޒު ކުރުމަށް ފުލުހުންނަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު އިމްރާން އެކަމަށް އިލްތިމާސް ކުރެއްވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރުކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އެ ދުވަސްތަކުގައި ހުރިހާ ރައްޔިތުންގެ އިންސާނީ ހައްގާއި ކަރާމާތައް ރައްކާތެރިވެ، އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކުގައި އެ މީހުންގެ ހައްގު އަދާކޮށްދީ ރާއްޖޭގެ އަމާންކަމާއި ސުލްހަވެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރާ މަސައްކަތްތަކަކީ ވަރަށްވެސް ބޮޑު ޒިންމާއެއް ކަމަށެވެ.
އެހެންކަމުން ވިސްނުމާއި ފިކުރު އިސްކޮށް ހެޔޮ ގޮތުގައި ސާބިތުވެ ތިބެ އޯގާވެރިކަމާއި ކުލުނާއެކު ގާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަކޮށް، ގާނޫނު ތަންފީޒު ކުރަމުން ދިއުމަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުން މަދަނީ މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރި ފަހުންވެސް އެންމެ ބޮޑު ގޮންޖެހުމަކީ އަދި އެންމެ ބޮޑު ދަތިކަމަކީ ބަދަލުވަމުން އަންނަ ހާލަތާ އެއްގޮތަށް އެކަށޭނަ ފުލުހުން ތަމްރީނު ކުރާނެ އަމިއްލަ މަރުކަޒެއް ނެތުން ކަމަށެވެ. ނަމަވެސް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި 18 އަހަރު ފުރިގެން މިދަނީ އެ ހުވެފެން ހަގީގަތަކަށް ހަދައިދެމުން ކަަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންނަކީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގައި އެންމެ މުހިންމު ދައުރު އަދާކުރަންޖެހޭ މުއައްސަސާ ކަމަށާއި އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށް ސުލްހަވެރިކަމާއި އަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުހުން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑު ކަމަަށްވެސް އިމްރާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު